ޚަބަރު

ދިވެހިންގެ ޙަޟާރަތު މުޅި ދުނިޔެއަށް ހާމަކުރުމަށް ތަރިކައިގެ ލިސްޓުގައި ހިރިގަލުގެ މިސްކިތްތައް ހިމެނުން މުހިންމު


  • އިސެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލުގެ މިސްކިތްތައް ހިމެނުމުގެ މަސައްކަތްދަނީ ކުރަމުން

  • ހިރިގަލުގެ މިސްކިތްތަކަށް ބޭނުންވާ ފަރުވާތައް ދިނުމުގެ ޢިލްމު ރާއްޖޭގައި ފަތުރަންޖެހޭ

ދިވެހިންގެ ވަރުގަދަ ޙަޟާރަތު ބޭރު ދުނިޔެއަށް ތަޢާރަފްކޮށް އެރުވުމަށް ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމަނަންޖެހޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ވަޒީރު އާދަމް ނަޞީރު ވަނީ އާޒަރްބައިޖާންއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން އިސެސްކޯއިން ބާއްވާ ސޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024 ގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ޤައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު އެރުވިގެން ބާއްވާ ސިލްސިލާ ހަރަކާތެކެވެ. މި ދަތުރުފުޅު ވަޒީރު ކުރައްވާފައިވަނީ އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ޢާދިލް ކަރިމްލީގެ ދަޢުވަތަކަށެވެ.

މި ދަތުރުފުޅުގައި ވަޒީރު ވަނީ އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ޢާދިލް ކަރިމްލީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އިސެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަރުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވަޒީރު ވިދާޅުވީ އިސެސްކޯގެ ދާއިމީ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމަށް އިސެސްކޯއިން ޝައުޤުވެރިކަން ހުރިކަމަށާއި، އެކަމުގައި އެއްބާރުލުން ދެއްވާނެކަމަށް ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ކަމަށެވެ.

ވަޒީރު ވިދާޅުވީ އިސެސްކޯގެ ތަރިކައިގެ ލިސްޓުގައި ހިރިގަލުގެ މިސްކިތްތައް ހިމެނުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން މި ލިސްޓުގައި މިސްކިތްތައް ހިމެނިގެން ދިޔުމުން ދިވެހިންނަކީ ވަރުގަދަ ޙަޟާރަތެއް އޮތް ބައެއްކަން ސާބިތުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގައި ހުރި މޮޅުކަން ބޭރު ދުނިޔެއަށް އެނގޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިންނަކީ ކޮންކަހަލަ ހުނަރުވެރި، ވިސްނުންތެރި، އުޅުންތެރި ދުނިޔެއަށް ކަށަވަރު ކޮށްދެވޭނެ ތާރީޚީ ގޮތުން. އަދި ރާއްޖޭގެ ނަން މި ދާއިރާގައި އައު ގޮތަކަށް ފަވާ ލެވުނީ. އެއީ ވަރަށް ބޮޑު ކުރިއެރުމަށް ޙަޤީޤަތުގައި." ވަޒީރު ވިދާޅުވިއެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑްގައި ބައިވެރިވެވަޑައިގަތުމަށް އާޒަރްބައިޖާންއަށް އާދަމް ނަޞީރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އާޒަރްބައިޖާންގެ ސަގާފަތާ ބެހޭ ވަޒީރާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ރާއްޖޭގައި ހުރި ދުވަސްވީ ބިނާތައް ދަމަހައްޓާ އާބަތުރަ ފިލުވުމަށް ބޭނުންވާ އެންމެ ފުރިހަމަ ޢިލްމު ރާއްޖޭގައި އަދި ނެތް ކަމަށެވެ. އަދި މި ޢިލްމުތައް ދިވެހިންނަށް ދަސްކޮށްދިނުމުގައި އެއްބާރުލުންދެއްވާނެކަމަށް އާޒަރްބައިޖާންގެ ސަގާފަތާ ބެހޭ ވަޒީރު ވިދާޅުވިކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސެސްކޯއަކީ ސައިންސާއި ސަގާފަތާއި ތަރިކައާއި ތަޢުލީމުގެ ދާއިރާއިން އިސްލާމީ ޤައުމުތައް ކުރިއަރުވާ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ. އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާޢަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯރލްޑް ހެރިޓޭޖް ކޮމިޓީންނެވެ. އިސެސްކޯގައި ރާއްޖެ ހިމެނޭހެން 53 މެންބަރު ޤައުމު އޮވެއެވެ.