ޚަބަރު

އިންދާ ގަސްތައް ބަލަހައްޓަން ވަކި ޔުނިޓެއް ޤާއިމްކުރަނީ


  • މިއީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތައް ބެލެހެއްޓުމަށް ޤާއިމްކުރާ ޔުނިޓެއް

5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން އިންދާ ގަސްތައް ބަލަހައްޓަން ވަކި ޔުނިޓެއް ޤާއިމްކުރައްވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްުޔާތެއް ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

ރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން ޠާރިޤް ވިދާޅުވީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމް މިދިޔަ ބުދަ ދުވަހު ފަށާފައިވާއިރު އެ ގަސްތައް ބެލެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ޕްރޮގުރާމްގެ ދަށުން ހައްދާ ގަސްތައް ކުރިއަށް އޮތް 5 އަހަރު ދުވަހު ރަނގަޅަށް ބަލަހައްޓަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ގަސްތައް ބެލެހެއްޓުމުގެ މަސައްކަތަށް ތިމާވެށްޓާބެހޭ ވުޒާރާގައި ޚާއްސަ ޔުނިޓެއް ޤާއިމްކުރަން މިހާރު ނިންމަވާފައިވާކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ގަސްތައް ރަނގަޅަށް ބަލަހައްޓައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ، ގަހަށް ޖެހެނީ ކޮންކަހަލަ ބައްޔެއްތޯ ގަހަށް ދިމާވާ ކަންތައްތައް ބަލަން. މިކަމަށް އެންމެންވެސް އަހުލުވެރިވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް ކަމަށާއި ދެމެހެއްޓެނިވި ތަރައްޤީ ގެނެވޭނީ ޤުދުރަތީ ވަޞީލަތްތައްވެސް އިތުރުކޮށްގެން ކަމަށެވެ. އެހެންކަމުން ގަސް އިންދުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި އެކި ބާވަތްތަކުގެ ގަސްތައް ނެތެމުންދާ މައްސަލައަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ރާއްޖޭގައި ނެތެމުންދާކަމަށް ފާހަގަކުރެވޭ 90 ބާވަތެއްގެ ގަސް އެބަހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޖާގައިގެ ދަތިކަމާއި ހުރެ ބަބުކެޔޮލާއި ސައްކެޔޮފަދަ ގަސްތައް ބައެއް މީހުން ކަނޑާލާ ކަމަށާއި އޭގެ ސަބަބުން އެފަދަ ގަސްތައް މަދުވަމަންދާކަމަށެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާބެހޭ ވަޒީރު ވަނީ ގަސް ހެއްދުމާ ބެހޭގޮތުން ލިޔެފައިވާ ފޮތެއް ނެރެދެއްވާފައެވެ. "ޢާންމު ތަންތަނުގައި ޚާއްސަކޮށް މަގުމަތީގައި ގަސް އިންދުން" ނަމުގައި ނެރުނު މިފޮތުގެ މުޞައްނިފަކީ ތިމާވެށްޓާއި ގުޅުންހުރި މަސައްކަތްތަކުގައި 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުޙައްމަދު ޒާހިރެވެ. މުޙައްމަދު ޒާހިރު މިވަގުތު ހުންނެވީ ތިމާވެށްޓާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ސަރުކާރާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ބާއްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގައި ހިމެނޭ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމެވެ. ގަސް އިންދުމުގެ ޕްރޮގްރާމްގެ އިތުރުން ކުނި މެނޭޖްކުރުމަށް މަގޭ ސާފު ރާއްޖޭގެ ނަމުގައި ޚާއްސަ ސިޔާސަތެއްވެސް ވަނީ އިފްތިތާޙްކޮށްފައެވެ.