ޚަބަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން ހަރުދަނާ ނިޒާމެއް ޤާއިމްކުރާނަން: ޠާރިޤް


  • ކަނޑުތަކަށް ކުނި އެޅުމުން ހިމާޔަތްކޮށްފައިވާ ރަށްތަކަށް ޖަމާވޭ

  • ހިމާޔަތްކޮށްފައިވާ ރަށްތަކަށް ކުނި ޖަމާވުމުން ރަށުގެ ޤުދުރަތީކަން ގެއްލޭ

  • ރަށުގެ ޤުދުރަތީކަން ގެއްލުމުން ފަތުރުވެރިންނަށް ސާފު ރާއްޖެއެއް ނުދެއްކޭ

  • ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ 91 ސަރަހައްދެއް އޮވޭ

ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ރަށްތައް ބަލަހައްޓަން ދަތިކަމަށާއި، އެ ރަށްތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ވީހާވެސް އަވަހަށް ޤާއިމްކުރެއްވުމަކީ އަމާޒެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މިހެން ވިދާޅުވީ ހިމާޔަތްކޮށްފައިވާ ރަށެއްކަމަށްވާ ކ. ތަނބުރުދޫ ސާފުކުރުމުގެ ޕްރޮގުރާމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެ އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ ރަށެއްކަމަށްވާ ކ. ތަނބުރުދޫ ސާފު ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެންނެވެ. ސާފުކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންދިޔައީ ތިމާވެށްޓާބެހޭ ވުޒާރާއާއި އެންވަރަޔަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އޭޕީއޭއާ ގުޅިގެންނެވެ.

ތަނބުރުދޫ ސާފުކުރުމުގެ ޕްރޮގުރާމާ ގުޅޭގޮތުން ޕީއެސްމެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޠާރިޤް އިބްރާހިމް ވިދާޅުވީ ކަނޑުތަކަށް އުކާލާ ގިނަ އަދަދެއްގެ ކުނިބުނި ތަނބުރުދޫފަދަ ހިމާޔަތްކޮށްފައިވާ ރަށްރަށަށް ލައްގާ ކަމަށެވެ. އަދި މީގެ ސަބަބުން ރަށުގެ ޤުދުރަތީކަން ގެއްލޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަނބުރުދޫގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާޅާ އަޅަން އަންނަ ދެ ސަރަހައްދެއް އޮންނަ ކަމަށެވެ. މިހެންވެ ފަތުރުވެރިންނަށް ރީތި ރާއްޖެއެއް ދެއްކޭނީ، މި ރަށް ސާފުތާހިރުކަމާއެކު ބަހައްޓައިގެންކަމަށާއި އެކަން ކުރެވޭނީ ކަނޑުތަކަށް އަޅާ ކުނި މަދުކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކަނޑުތަކުގެ ދުވަސް މިއަދު ފާހަގަކުރާއިރު ކަނޑުތަކަށް ކުނި ނޭޅުން އަޅުގަނޑުމެންގެ އަމާޒަކަށް ހަދަންޖެހޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މި ރަށް މިއަދުވެސް ސާފު ކުރެއްވިއްޖެ. މި ރަށަށް މިވާ ގޮތަކީ ކަނޑައަށް އެއްލާލާ ކުނިބުނި މި ލައްގަނީ. އެހެންވީމަ އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ބޭފުޅުންވެސް ކަނޑުގެ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން. އެއީ ރާއްޖޭގެ އިޤުތިޞާދުވެސް ގުޅިމާމެހިފައިމިވަނީ ކާނޑާއި ފަޅާއި ފަރުތަކާ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ވަރަށް ގިނަ ރަށްރަށް ރާއްޖޭގައި އެބަހުރިކަމަށާއި ނަމަވެސް އެ ހުރިހާ ރަށެއް ބެލެހެއްޓޭނެ ނިޒާމެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ޚާއްސަ އިސްކަމެއްދީގެން ވީހާވެސް އަވަހަކަށް ހިމާޔަތްކޮށްފައިވާ ހުރިހާ ރަށެއް ރަނގަޅަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރަން މަސައްކަތް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހިމާޔަތްކޮށްފައިވާ ރަށްތައް ބެލެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތިމާވެށްޓާބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް މުހުސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ ތަނބުރުދޫ ސާފުކުރުމުގެ މަސައްކަތުގެ ދަށުން 60އާއި 70 ކިލޯއާ ދެމެދުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދިވެސް ގިނަ އަދަދެއްގެ ކުނި ތަނބުރޫދޫގައި ހުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިފަދަ ރަށްރަށް ސާފުކަންމަތީ ބޭއްވޭނީ ކަނޑުތަކަށް ކުނި އުކުން މުޅިއެކު ހުއްޓާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހިމާޔަތްކޮށްފައިވާ ބައެއް ރަށްރަށް ރަނގަޅަކަށް ނުބެލެހެއްޓޭ. އަޅުގަނޑުމެން މިހާރު މިދަނީ ހިމާޔަތްކޮށްފައިވާ ރަށްރަށް މީހުންނަށް ރަނގަޅަން އެނގޭނެހެން އެ ރަށްރަށުގައި ބޯޑު ބެހެއްޓުމުގެ މަސައްކަތް ކުރަމުން. އަދި އެތަންތަން ވީހާވެސް ރަނގަޅަކަށް ބެލެހެއްޓުމަށް މިދަނީ މަސައްކަތް ކުރަމުން." މުހުސިނާ ވިދާޅުވިއެވެ.

ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ 91 ސަރަހައްދެއް ރާއްޖޭގައި އޮވެއެވެ. ތިމާވެށްޓާބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި އެ ސަރަހައްދުތަކުގެ ތެރެއިން އެ ވުޒާރާއަށް ރަނގަޅަށް ބެލެހެއްޓެނީ 5 ސަރަހައްދެއްކަމަށެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ރަށްރަށާއި ފަޅާއި ފަރާއި ކަނޑޫފަލާއި ކުޅިތައް ހިމެނެއެވެ.