ޚަބަރު

ދިވެހިބަހުގެ އެކެޑަމީން ބާއްވާ ޤައުމީ ފެންވަރުގެ 3 މުބާރާތެއްގައި ބައިވެރިވާން ހުޅުވާލައިފި


  • ބައިވެރިވާން ހުޅުވާލާފައިވަނީ ޅެމާއި މަޒުމޫނާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި

  • އަންނަ މަހުގެ 9 ވަނަ ދުވަހުގެ ކުރިން ބައިވެރިވާން އެދި ހުށައަޅަންޖެހޭނެ

  • ސްކޫލް ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަަކަށްވެސް ބައިވެރިވެވޭނެ

ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކުވެސް އިންތިޒާމްކޮށްގެން ޤައުމީ ފެންވަރުގައި ބާއްވާ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފިއެވެ.

އެ އެކެޑަމީން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ 3 މުބާރާތަކީ ޅެން ހެދުމުގެ 27 ވަނަ ޤައުމީ މުބާރާތް، ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތް އަދި މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ މި 3 މުބާރާތުގައި ބައިވެރިވާން އެދި ފޯމު ހުށައެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ފޯމު ހުށައެޅޭނެކަމަށް އެކެޑަމީން ބުނެއެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، މުބާރާތްތަކުގައި ބައިވެރިވުމަށް އެދި ގޫގުލް ފޯމު މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި އެކެޑަމީން ތައްޔާރުކޮށްފައިވާ އެކްސެލް ފޯމު ހުށައަޅާނަމަ، ފޯމު ފުރިހަމަކުރުމަށްފަހު އެކެޑެމީގެ މެއިލް [email protected] އަށް ހުށައެޅޭނެކަމަށެވެ. ގޫގުލް ފޯމުގެ ލިންކާއި އެކްސެލް ފޯމު އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.


މި މުބާރާތްތައް ދިވެހިބަހުގެ އެކެޑަމީން ހުޅުވާލާފައިވަނީ ސްކޫލް ދަރިވަރުންނަށާއި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

އެގޮތުން ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭ 3 ޢުމުރުފުރާއެއް ދިވެހިބަހުގެ އެކެޑެމީން ވަނީ ކަނޑައަޅާފައެވެ. މި ޢުމުރުފުރާތަށް ބަހާލާފައިވަނީ 3 ކީ ސްޓޭޖެއްގައި ހުންނަ ގުރޭޑުތައް ވަކިވަކިންނެވެ. އެ ކީ ސްޓޭޖުތަކަކީ ކީ ސްޓޭޖް 3، 4 އަދި 5 އެކެވެ. އަދި އަމިއްލަ ފަރާތްތަކަށް 2 ޢުމުރުފުރާއެއްގައި ބައިވެރިވެވޭނެއެވެ. އެއީ 18 އަހަރުން ދަށުގެ ޢުމުރުފުރާއާއި 18 އަހަރުން މަތީގެ ޢުމުރުފުރާއެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވާ ގޮތުގައި މިފަދަ މުބާރާތްތައް އިންތިޒާމްކޮށްގެން ބޭއްވުމުގެ މަޤްޞަދަކީ ފަރިތަކަމާއެކު ދިވެހިބަހުން ޢިލްމީ އޮއްޓަރުހުރި މަޒުމޫންތަކާއި، ޝައުޤުވެރި ވާހަކަތަކާއި، އަސަރު ހުރި ޅެންތައް އުފެއްދޭނެ ލިޔުންތެރީންނާއި ޅެންވެރީން އުފެއްދުމެވެ.