ޚަބަރު

ތިން ބައި-އިލެކްޝަނެއްގެ ވޯޓުލުން ފެށިގެން ކުރިއަށް


  • ވޯޓުލުން ކުރިއަށްދާނީ މިރޭ 8 ޖެހުމާ ހަމައަށް

  • ވޯޓުލުމަށް 13 ފޮށި ބަހައްޓާފައިވޭ

ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސާއި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރާއި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:00ގައެވެ. އަދި ވޯޓުލުން ކުރިއަށްދާނީ މިރޭ 8 ޖެހުމާ ހަމައަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި ޖުމްލަ 13 ފޮއްޓެއް ވޯޓުލުމަށް ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި 4 ފޮށި ބަހައްޓާފައިވާއިރު އަތޮޅުތެރޭގައި 9 ފޮށި ވަނީ ބަހައްޓާފައެވެ. މި ބައި-އިލެކްޝަންތަކުގައި 7401 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

މީގެ ކުރިން މި 3 ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު ބައި-އިލެކްޝަންތައް ބާއްވަން ނިންމީ މާދަމާއަކީ ޙައްޖު ދުވަސްކަމުގައިވާތީކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހުވެސް ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަންނަ މަހު 10 ބައި-އިލެކްޝަނެއް އޮންނާނެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2 ބައި-އިލެކްޝަނެކެވެ.