ޚަބަރު

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެ


  • ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް ފެށީ މިމަހުގެ 24ގައި

  • ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ

  • އޮގަސްޓު މަހު ދެ ޑްރެޖަރު ގެނައުމަށް ހަމަޖެހިފައިވޭ

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިންމާލެވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. އެގޮތުން 'ސައިޓް އޭ"ގައި ހިއްކަން ހަމަޖެހިފައިވާ 10 ހެކްޓަރާއި "ސައިޓް ބީ"ގައި ހިއްކަން ހަމަޖެހިފައިވާ ސަރަޙައްދުގެ ތެރެއިން 13 ހެކްޓަރު ބިން ހިއްކާ މިހާރު ވަނީ ނިންމާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް ދިމާވި ގައު ހުދުވުމުގެ މައްސަލައާ ގުޅިގެން ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް މަޑު ޖައްސާފައި އޮތުމަށްފަހު، 3 ވަނަ ފިޔަވަހިން ނުހިއްކާ އޮތް ސަރަހައްދުގެ ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ ޢަބްދުލް މުޢިއްޒު ޙަސަން ވިދާޅުވީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ނުހިއްކާ އޮތް ސަރަހައްދުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެންމެ ފުރަތަމަ ހިއްކާނީ "ސައިޓް ބީ" ގައި ނުހިއްކާ އޮތް ސަރަހައްދު ކަމަށެވެ. އަދި "ސައިޓް ބީ" ހިއްކާ ނިމުމުން "ސައިޓް ސީ"ގެ މަސައްކަތް ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މަސައްކަތްކުރާ ކުންފުންޏާ ހަވާލާދީ ޢަބްދުލް މުޢިއްޒު ވިދާޅުވީ ތިން ފިޔަވަހި ހިއްކުމުގެ މަސައްކަތް މިއަހަރު ފަހު ކޮޅު ނިމޭނެކަމަށެވެ. އަދި މަސައްކަތް އަވަސްކުރުމަށް މިއަހަރުގެ އޮގަސްޓު މަހު ދެ ޑްރެޖަރު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މަސައްކަތްކުރާ ކުންފުނިންވެސް ބުނެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެތަނުން ނެގުމަށް އެކި ފަހަރު މަތިން އެޗްޑީސީން ވަނީ އަންގާފައެވެ. އެގޮތުން މަސައްކަތް އަލުން ފެށުމަށް، މިދިޔަ އާދިއްތަ ދުވަހުގެ ކުރިން އުޅަނދުތައް ނަގަން އެންގިނަމަވެސް އަދިވެސް އެސަރަހައްދުގައި އުޅަނދުތައް ނުނަގާ ނުނަގާ ހުރިކަން އެޗްޑީސީން ފާހަގަކުރެއެވެ.

ޢަބްދުލް މުޢިއްޒު ވިދާޅުވީ މަސައްކަތްކުރާ ސަރަހައްދުގައި އަދިވެސް އުޅަނދުތައް އަޅާފައި އޮތުމުން މަސައްކަތަށް ދަތިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

"މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އެއްބާރުލުންދޭކަން ފާހަގަކުރަންޖެހޭ އުޅަނދުތައް މި ސަރަހައްދުން ނެގުމުގައި. އުޅަނދުތަކުގެ ވެރިން އައިސް މި ސަރަހައްދުން ވަރަށް ގިނަ އުޅަނދުތައް ގެންގޮސްފައި އެބަހުރި. އަޅުގަނޑުމެން އެދެން މިހާރު މިތަނުގައި އަޅާފައިހުރި އުޅަނދުތައް ގެންދިއުމަށް." ޢަބްދުލް މުޢިއްޒު ވިދާޅުވިއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

3 ވަނަ ފިޔަވަހީގައި ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުޞަތުތައް ފަހިވާނެގޮތަށްކަމަށް އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.