ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ޖުމްލަ 992 ދަރިވަރުން ކިޔަވާފައިވާ ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 579 ދަރިވަރުންނާއި، ނުބަލައި ކިޔެވުމުގެ ބައިން 413 ދަރިވަރުންނެވެ.
މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 29އިން ޖުލައި 7 ވަނަ ދުވަހާ ހަމައަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނާތީޖާ ފާޅުކުރުމުގެ ޙަފްލާ މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.
މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންގޮސްފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން 12:00އަށް، ހަވީރު 16:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 10:30 އަށެވެ.. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށް ގެންދިޔައީ ހަވީރާއި ރޭގަނޑެވެ.