މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަން ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.0 މިލިޔަން ފަތުރުވެރިންނާއި އަޅާ ބަލާއިރު 9.5 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް މަޑުޖެހުމެއް އައުމަށްފަހު، މިހާރު އަނެއްކާވެސް ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައެވެ.
* ޖަނަވަރީ – 192385 ފަތުރުވެރިން
* ފެބްރުއަރީ – 217392 ފަތުރުވެރިން
* މާރޗް – 194،227 ފަތުރުވެރިން
* އޭޕްރީލް – 168366 ފަތުރުވެރިން
* މޭ – 119875 ފަތުރުވެރިން
* ޖޫން - 123284 ފަތުރުވެރިން
* ޖުލައިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް – 120518 ފަތުރުވެރިން
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
• ޗައިނާ - 147241 ފަތުރުވެރިން
• ރަޝިއާ - 120366 ފަތުރުވެރިން
• އިނގިރޭސިވިލާތް – 101402 ފަތުރުވެރިން
• އިޓަލީވިލާތް - 85014 ފަތުރުވެރިން
• ޖަރުމަންވިލާތް – 84345 ފަތުރުވެރިން
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 3867 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 4109 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަދު މިހާރު މިވަނީ އަލުން 5000އިން މައްޗަށް އަރާފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5240 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.