ޚަބަރު

އަދަދުތައް މައްޗަށް، ޖުލައިމަހު އައި ފަތުރުވެރިންގެ އަދަދު %15 އިތުރު


  • ޖުލައިމަހު ރާއްޖެއަށް ވަނީ 167528 ފަތުރުވެރިން ޒިޔާރަތްކޮށްފައި

  • މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 145620 ފަތުރުވެރިން

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.18 މިލިޔަން ފަތުރުވެރިން އައިސްފައި

ޖުލައިމަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %15 އިތުރުކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭ ރާއްޖެއަށް ވަނީ 167528 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 145620 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.18 މިލިޔަން ފަތުރުވެރިން އައިސްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1.07 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %10 އިތުރު އަދަދެކެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

• ޖަނަވަރީ – 192385 ފަތުރުވެރިން
• ފެބްރުއަރީ – 217392 ފަތުރުވެރިން
• މާރޗް – 194227 ފަތުރުވެރިން
• އޭޕްރީލް – 168366 ފަތުރުވެރިން
• މޭ – 119875 ފަތުރުވެރިން
• ޖޫން - 123284 ފަތުރުވެރިން
• ޖުލައި – 167528 ފަތުރުވެރިން

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތައް:

• ޗައިނާ - 159064 ފަތުރުވެރިން
• ރަޝިއާ - 126289 ފަތުރުވެރިން
• އިނގިރޭސިވިލާތް – 104712 ފަތުރުވެރިން
• އިޓަލީވިލާތް – 86897 ފަތުރުވެރިން
• ޖަރުމަންވިލާތް – 86715 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މެއި މަހާއި ޖޫންމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

އެގޮތުން މެއި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 3867 ފަތުރުވެރިންނެވެ. އަދި ޖޫން މަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 4109 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަދަދު މިހާރު މިވަނީ އަލުން 5000 އިން މައްޗަށް އަރާފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5404 ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.