މިދިޔަ ޖުލައިމަހު 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %17.1 ދަށް އަދަދެކެވެ. އަދި މިއަހަރުގެ ޖުލައިގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %16.4 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދިން ގޮތުގައި، މިދިޔަ އަހަރުގެ ޖޫންމަހާ އަޅާ ބަލާއިރު މިއަހަރުގެ ޖޫންމަހު ލިބުނު އާމްދަނީ ދަށްވެފައިވަނީ މިދިޔަ އަހަރުގެ އަޟްހާ ޢީދު ޖޫންމަހުގެތެރޭގައި އައުމުން ޖީއެސްޓީ އަދި އިންކަމް ޓެކްސްގެ ސުންގަޑިތައް ޖުލައިމަހަށް ފަސްކޮށްދިނުމުންނެވެ. މިއަހަރުތެރޭ ޓެކްސްތަކުގެ ސުންގަޑިއަށް އެފަދަ ބަދަލުތަކެއް ގެނެސްފައިނުވެއެވެ.
ޖުލައިމަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް އެމަހުގެތެރޭ އައި ފަތުރުވެރިންގެ އަދަދު %2.4 އިތުރުވުމުން ޓީޖީއެސްޓީގެގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، ބޭންކު އިންކަމް ޓެކްސްގެ ދެވަނަ އިންޓަރިމް ޕްރީ ޕޭމަންޓު ޖުލައިމަހުގެތެރޭ ބޭންކުތަކުން ދައްކާފައިވުމުންކަމަށް މީރާއިން ހާމަކުރެއެވެ.
މިއަހަރުގެ ޖުލައިމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ އާމްދަނީން ނަގާ ޓެކްސްއެވެ. އެއީ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 977 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 116 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 75 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ރިޕޯޓުގައިވެއެވެ.
ޖުލައިމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 75 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.