ޚަބަރު

ދިވެހި ރުފިޔާއިން މުއާމަލާތްކުރެވުމާއެކު ޗާއިނާއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވާނެ: ޝިޔާމް


  • މިއީ ރާއްޖެއާއި ޗައިނާގެ ލީޑަރޝިޕްގެ މެދުގައި އޮތް އިތުބާރާއި އެއްބާރުލުން ދައްކުވައިދޭކަމެއް

ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު، ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިވުމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިޤްތިސާދީ ގުޅުން ބަދަހިވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާ ދެމެދ،ު ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މިފަހުމުނާމާގެ ދަށުން ދެ ޤައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި، ސީދާ އިންވެސްޓްމަންޓްތައް ދެޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމުކުރެވި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ އެ އެއްބަސްވުމާއެކު ރާއްޖޭގެ އަމިއްލަ އިޤްތިޞާދީ ހަމަޖެހުން އިތުރުކޮށް، ޗައިނާއާއެކު އޮންނަ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށްޓަކައި ސްޓްރެޓެޖިކް ބާރަކަށް ވެގެންދާނެކަމަށެވެ. މީގެ އިތުރުން ޗައިނާއާއެކު ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކަށް ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، ދިވެހި ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ހަމަޖެއްސުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިޤްތިޞާދީ މަންފާގެ ބޭރުން، މި ފަހުމުނާމާ ރަމްޒުކޮށްދެނީ ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރުމަށް ދެޤައުމުގެ ދެމެދުގައި އޮތް އަޒުމް ކަމަށެވެ. އަދި މިއީ ރާއްޖެއާއި ޗައިނާގެ ލީޑަރޝިޕްގެ މެދުގައި އޮތް އިތުބާރާއި އެއްބާރުލުން ދައްކުވައިދޭ ކަމެއްކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ޗާއިނާއާއެކު ކުރެވޭ ވިޔަފާރި ދިވެހި ރުފިޔާއިން މުއާމަލާތްކުރެވޭނެ ގޮތް ހަމަޖެހިގެން އަންނައިރު، ސަރުކާރުން މަސައްކަތްކުރަނީ ދުނިޔޭގެ މަޝްހޫރު އީވޮލެޓުތައްވެސް ރާއްޖެ ގެންނައުމަށެވެ.