ޚަބަރު

ކޮންމެ ޖަނަވާރަކީ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ އެއްޗެއް!


  • އޮކްޓޫބަރު 4 ފާހަގަކުރަނީ ދުނިޔޭގެ ޖަނަވާރުންގެ ދުވަހުގެ ގޮތުގައި

  • ބޭނުމަކީ ޖަނަވާރުންނަށް އަޅާލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުން

ދުނިޔޭގެ ޖަނަވާރުތަކުގެ ދުވަހަކީ ޖަނަވާރުތަކުގެ ހައްގުތަކާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ދުވަހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ.

އެހެންނަމަވެސް ރާއްޖޭގެ މި ދިގު ތާރީޚުގައި ޖަނަވާރުންގެ ދުވަހެއް ފާހަގަމިކުރަނީ މުޅިން އަލަށެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ޖަނަވާރުންނަށް އަޅާލުމުގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމެވެ.

ޖަނަވާރުންނަކީވެސް އިންސާނުން ފަދައިން ލޯތްބާއި އަޅާލުން ބޭނުންވާނެ އެއްޗެކެވެ. އެހެންކަމުން، އަޅުގަނޑުމެން އެ ތަކެއްޗަށް އޯގާތެރިކަމާއެކު މުޢާމަލާތްކުރަން ޖެހެއެވެ. ޖަނަވާރުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ޒިންމާއެކެވެ. އެ ތަކެތި ދިރިއުޅޭ ތަންތަން ހިމާޔަތްކޮށް، އެ ތަކެއްޗަށް ބޭނުންވާ ކާނާއާއި ފަރުވާ ފޯރުކޮށްދޭން ޖެހެއެވެ.

ވަކިވަކި ފަރުދުންގެ އިތުރުން ދައުލަތުންވެސް ޖަނަވާރުތަކުގެ ޙައްގުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އެގޮތުން، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، މިހާރު މިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ނަމުގައި މި މަޤްސަދުތައް ހާސިލްކުރުމަށް ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ. މި ވުޒާރާގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުންގެ ރައްކާތެރިކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މާލެ ސަރަޙައްދުގައި އާބާދީ އިތުރުވެފައިވާ ބުޅާތަކުގެ ރައްކާތެރިކަމަށްޓަކައި ޕެޓް ކެއަރ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތެވެ. މި ފެސިލިޓީގެ މަސައްކަތް ނިންމައި، އެތަން ހުޅުވުމަށް އެވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން، ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ޞިއްޙަތާބެހޭ ޤާނޫނެއް ރާއްޖޭގައި އަލަށް ތަޢާރަފުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތައް ރަޖިސްޓްރީކުރެވި ރާއްޖޭގައި އެތަކެއްޗަށް ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޤާނޫނީ އޮނިގަނޑުތަކެއް އެކުލެވިގެންދާނެއެވެ.

ރާއްޖޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަކެއްޗަށް ފަރުވާދެވޭނެ ރަނގަޅު ނިޒާމެއް ނެތުމެވެ. ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުން، ނުވަތަ ވެޓެރިނޭރިއަނުން މަދުވުމާއި ޖަނަވާރުތަކަށް ބޭނުންވާ ބޭހާއި ވެކްސިން ލިބުމުގައި ހުރި ދަތިކަމަކީވެސް އެ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

މި ދާއިރާއިން މީހުން ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެހެންކަމުން، ދިރޭތަކެއްޗާބެހޭ ވުޒާރާއިން ހުޅުވާލާ ފުރުޞަތުތަކުގެ ބޭނުންހިފައި، ވެޓެރިނަރީ ދާއިރާއިންނާއި ދިރޭތަކެއްޗާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ހޯދުމަށް އެ ވުޒާރާއިން ބާރު އަޅައެވެ.

ޖަނަވާރުންނަށް އަޅާލުމަކީ އިންސާނިއްޔަތުކަމުގެ މުހިންމު ސިފައެއެވެ. މީގެ ސަބަބުން އަޅުގަނޑުމެން އިންސާނުންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮންނަ ކުލުނާއި އޯގާތެރިކަންވެސް އިތުރުވެގެންދެއެވެ. އެހެންވެ، މި ދުވަހާ ގުޅުވައިގެން އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅަންވީ ޖަނަވާރުންނަށް އަޅާލުމަށެވެ.

ބައެއް ފަހަރު މަގުމަތީގައި އުޅޭ ޖަނަވާރުތަކާމެދު އަޅުގަނޑުމެންނަށް އިހާނެތިކޮށް އަމަލު ކުރެވެއެވެ. ނަމަވެސް އެފަދަ ކަމެއް ކުރުމުގެ ކުރިން އަޅުގަނޑުމެން ހަނދާން ކުރަންވީ ކަމަކީ، މި ދުނިޔެއަކީ އެ ތަކެތީގެވެސް ދުނިޔެ ކަމެވެ. އަޅުގަނޑުމެންނާ އެއްވަރަށް އެތަކެއްޗަށްވެސް މި ދުނިޔޭގައި އުޅުމުގެ ޙައްގު ލިބިފައިވެއެވެ.