ޚަބަރު

ބިދޭސީން ފިލައިންގެ އުޅޭ މައްސަލަ ޙައްލުކުރުމަށް، އުޞޫލަށް ހަރުދަނާ ބަދަލުތަކެއް!


  • ގެއްލިގެން ރިޕޯޓްކުރާ ކޮންމެ ރިކުއެސްޓަކަށް 1،000 ރުފިޔާގެ ސާވިސް ފީއެއް ނެގޭނެ

  • ވަޒީފާދޭ ފަރާތުގެ އިހުމާލުން ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ 2،000 ރުފިޔާގެ ޖޫރިމަނާއެއް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ފިލައިގެން އުޅޭ މައްސަލައަށް ފިޔަވަޅު އެޅުމާ ގުޅޭ އައު އުޞޫލުތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ.

މިކަމާގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އިޢުލާނުގައި ވަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދު"ގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެގޮތުގެ އޫޞޫލަށް މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރަންވީގޮތާއި، އެކަމާގުޅިގެން ފޯރުކޮށްދެވޭނެ ޚިދުމަތްތަކަށް ނަގާނެ ފީއާއި، ޖޫރިމަނާތަކުގެ ތަފްޞީލު މި އުޞޫލުގައި ވަނީ ހިމަނާފައެވެ.

އެގޮތުން ބިދޭސީއަކު ގެއްލިގެން ރިޕޯޓް ކުރާ ކޮންމެ ރިކުއެސްޓަކަށް "މިސިންގ ރިޕޯޓިންގ ފީ"ގެ ގޮތުގައި 1،000 ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ. އަދި އަދި ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ 2،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. ހަމައެހެންމެ ބިދޭސީއަކު ގެއްލިގެން ރިޕޯޓްކުރާ މައްސަލައެއް އަނބުރާ ނަގާނަމަ "ވަރކް ޕަރމިޓް މިސިންގ ވިތުޑްރޯވަލް ސަރވިސް ފީ"ގެ ގޮތުގައި 10،000 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެނމް ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުޞަތު މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވޭނެކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިސިންގ ރިކުއެސްޓް އަނބުރާ ގެންދަންވާނެކަމަށެވެ. އަދި މި އެ މުއްދަތު ހަމަވުމަށްފަހު ރިކުއެސްޓް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ 10،000 ރުފިޔާގެ ސަރވިސް ފީއެއް ދައްކަން ޖެހޭނެކަމަށެވެ.

މީގެއިތުރުން މިމަހުގެ 6 ވަނަ ދުވަހުގެ ފަހުން ގެއްލިގެން ރިޕޯޓްކުރާ ބިދޭސީންގެ މައްސަލަތަކުގައި، ރިޕޯޓްކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ރިކުއެސްޓް އަނބުރާ ގެންދަންވާނެކަމަށާއި މި މުއްދަތު ހަމަވުމަށްފަހު ރިކުއެސްޓް އަނބުރާ ގެންދަން އެދޭނަމަ، 10،000 ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އުޞޫލަށް ގެނެވުނު ބަދަލުތަކާގުޅޭ މަޢުލޫމާތު ހިމެނޭ ޔޫޒަރ ގައިޑްތައް އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން މިމަހުގެ 6 އިން ފެށިގެން ފެންނަން ހުންނާނެ ކަމަށެވެ.

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން އެފަދަ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުންނާއި ކަމާގުޅުން ހުރި އިދާރާތަކުން ތަފާއެކި އޮޕަރޭޝަންތައް ދަނީ ހިނގަމުންނެއެވެ.