ޚަބަރު

ޤަވާއިދުގެ ތެރެއަށް ގެނައުމަށް، 300އަށްވުރެ ގިނަ އުޅަނދު އެކަމަށް ޚާއްސަ ބިމަށް ގެންގޮސްފި: ވަޒީރު އަމީން


  • މާލޭގައި 1200އަށްވުރެ ގިނަ އުޅަނދު ޤަވައިދުން ބޭރުން ބޭނުންކުރާކަމަށް އަންދާޒާކުރޭ

ޤަވާއިދާ ޚިލާފަށް ބޭނުންކުރާ އުޅަނދުތައް ޤަވާއިދުގެތެރެއަށް ގެނައުމުގެ ފުރުޞަތުދީ، އެ މަސައްކަތް ނިމެންދެން އުޅަނދުތައް ބެހެއްޓުމަށް ހުޅުމާލެއިން ކަނޑައެޅި ބިމަށް 300 އަށްވުރެ ގިނަ އުޅަނދު މިހާރުވެސް ގެންގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ އެޅުމަށް އެޗްޑީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް މިހާތަނަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. ނަމަވެސް މި ބަދަލު އަދި ފެނިގެންނުދަނީ، މި މައްސަލަ މާލެ ސަރަޙައްދުގައި ގޯސްވެފައިވާ މިންވަރުގެ ބޮޑުކަމުންކަމަށެވެ. ވަޒީރު ވިދާޅުވީ މާލޭގައި އާދަޔާ ޚިލާފައި އުޅަނދުތައް ގިނަވެ ތޮއްޖެހިފައިވާކަމަށެވެ.

ސަރުކާރުން ވަނީ މާލެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފައި ދުއްވަމުންދާ އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ފުރުޞަތެއް ދީފައެވެ. މިގޮތަށް ހުރި އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ގެނައުމަށް ފުރުޞަތު ހުޅުވާލީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.

މިގޮތުން ޤަވާއިދާއި ޚިލާފަށް އުޅަނދުތައް ގެންގުޅޭ މީހުންނަށް އުޅަނދުތައް ޤަވާއިދާ އެއްގޮތަށް ރަޖިސްޓްރީކުރުމަށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޒޯނަށް އުޅަނދު ގެންދިއުމަށް 6 މަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ވަޒީރު ވިދާޅުވީ، ޤަވާއިދުގެ ތެރެއަށް ގެނައުމަށް ހުޅުވާލި ފުރުޞަތުގައި 300 އަށްވުރެ ގިނަ އުޅަނދުގެ ވެރިން، އެ އުޅަނދުތައް ޤަވާއިދުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިއީ އެއްގަމުދަތުރުފަތުރުގެ ޤާނޫނާއި އުޞޫލުތަކަށް އުޅަނދު ދުއްވާ ފަރާތްތައް އަހުލުވެރިކުރަން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައި އޮވެގެން ނުވަތަ ޤާނޫނުގެދަށުން ސައްޙަކަމާއެކު އުޅަނދު ރެޖިސްޓްރިކުރުމަށް ދިން ފުރުޞަތުގައި 300-400 އުޅަނދު، އެކަމަށް ޚާއްސަކުރި ބިމަށް ގެންގޮސްފައި އެބައޮތް. މިއީ ދޮޅުމަސްކުރިން ހުޅުވާލި ފުރުޞަތެއް." ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން އަންދާޒާކުރާގޮތުގައި މާލޭ ސަރަޙައްދުގައި ޤަވައިދާ ޚިލާފައި ރަޖިސްޓްރީކޮށްގެން ދުއްވާ 1200 އަށްވުރެ ގިނަ ހަތަރުފުރޮޅުލީ އުޅަނދު ގެންގުޅެމުންދެއެވެ.