ޚަބަރު

ނަމޫނާ ލިބިގަންނަންވީ ރަސޫލާގެ ރިވެތި އަޚްލާޤުން، މުނާފިޤުންގެ ހުތުރު ފިތުނަތަކަކުން ނޫން: ރައީސް


  • ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވި

  • ދޮގު ހަބަރު ފެތުރުމުން ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކާތަކުގެ މައްޗަށް ބައްލަވާލެއްވި

އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމަށާއި، މުނާފިޤުންގެ ހުތުރު ފިތުނަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމަގެ ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމަށާއި، މުނާފިޤުންގެ ހުތުރު ފިތުނަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އަޅުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމާއެކު ހެޔޮކަންކަމަށް އަމުރުކުރަންތޯއާއި މުންކަރާތްތަކާއި ނުބައި ވިޔަޔާނުދާ އަމަލުތަކަށް އަރައިނުގަނެ އަދި އެ ފަދަ އަމަލުތައް ހުއްޓުވަން މަސައްކަތްކުރޭތޯ ވިސްނާލަންޖެހޭކަމަށެވެ.

"މި ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ނުކުރެވޭ ނަމަ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުބެލެވޭ. މި ސުވާލުތަކަށް ޖަވާބު ހޯދައި އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭ ނަމަ، މި ފަދަ ޖަލްސާތައް ބާއްވައި މި ފެންނަ ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެހެންވީމާ މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ނުވަސައްތަ ފުރޭން ދާ އިރު، މި ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ފިކުރުކުރަންޖެހޭ. އަޅުގަނޑުމެންގެ ރޫޙާނީ ވެށި އޮތީ ކިހިނެއްތޯ ދެނެގަންނަންޖެހޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުސްލިމު މުޖުތަމަޢެއްގައި ކަން އޮންނާންވީ ގޮތް އަންގަވާފައިވާއިރު ކަން އޮތް ގޮތް ވަރަށް ވެސް ހިތާމަވެރިކަމަށާއި އެކަން މުޖުތަމަޢުން ދަނީ ފެންނަމުންކަމަށެވެ. އެގޮތުން ނުބައި ޖަރީމާތަކުގެ ތެރޭން ހަމައެކަނި ދޮގު ޚަބަރުފެތުރުމަކީވެސް ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުމާއި ނުރައްކާތައް ކުރިމަތިވަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މި ފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާ ކެކުޅުން އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއް ފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަ ހުރި" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމީ އުންމަތަށް ބަލާއިރު ދޮގު ހަބަރު ފެތުރުމަކީ މަދީނާގެ މުނާފިޤުން ފަށައިގަތްކަމެއްކަމަށެވެ. އަދި ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫންކަމަށާއި. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ދޮގު ޚަބަރުފެތުރުމާއި އާޑަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރިނުވާން ޢަޒުމު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.