ޚަބަރު

މުދައްރިސުންގެ ކިބައިން ރައީސް އެދިވަޑައިގަތީ އަދުގެ ޖީލުތަކުގައި ހަރުދަނާކަން އަށަގަންނަވައިދެއްވުމަށް


  • މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ފިކުރާ ސިކުނޑީގެ ގޮތުން ބިނާކުރަން ސަރުކާރުން ކުރައްވާ މަސައްކަތުގައި މުދައްރިސުންގެ އެއްބާރުލުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

"މި ކަމުގައި ތިޔަ ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުން. ދިވެހި ދަރީން ދިވެހި ޤައުމިއްޔަތަށް އަހުލުވެރިކޮށްދެއެވާ! ދިވެހީންގެ ހަރުދަނާ މާތް ސިފަތަކުން ޒީނަތްތެރިކޮށްދެއްވާ! މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމައި މަސްއޫލިއްޔަތު އުފުލުމުގެ ޝައުޤާއި ޤާބިލުކަން އަށަގަންނަވާދެއްވާ! / ހަމަ އެހެންމެ މި ކަމުގައި ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ އެއްބާރުލެއްވުން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަށް ޓަކައި އަޅުގަނޑުމެން އާރާސްތުކުރަން ޖެހޭ އަޚްލާޤީ އެތައް ބިނާއެއް އެބަ ހުރި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.

ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.