ޚަބަރު

ރާއްޖޭގެ ވެއްޓާ ގުޅޭގޮތަށް އިހީގެ މަސްވެރިކަން ތަރައްޤީކުރުމަށް ޕްލޭނެއް


  • މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 4 އަމާޒަކަށް

  • އިހީގެ ބާވަތްތަކާއި އިހީގެ މަސްވެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރެވެނޭ

ދިވެހިރާއްޖޭގެ ވެއްޓާ ގުޅޭގޮތަށް އިހީގެ މަސްވެރިކަން ތަރައްޤީކުރުމަށް އަމާޒުކޮށްގެން އައު ޕްލޭނެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެކުލަވާލައިފިއެވެ.

ރާއްޖޭގައި ކުރަމުންދާ އެކި ބާވަތްތަކުގެ މަސްވެރިކަމާއި މުޅި މަސްވެރި ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން ރާއްޖޭގައި ކުރަމުން އަންނަ އިހީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށް އައު ޕްލޭނެއް މިހާރު ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެކުލަވާލާފައެވެ. އެ ވުޒާރާއިން ވިދާޅުވީ މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު 4 އަމާޒެއް ހާސިލުކުރުމަށް ކަމަށެވެ.

އެއީ ރާއްޖޭގައި ކުރެވޭ އިހީގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް އިކޯސިސްޓަމް-ބޭސްޑް މެނޭޖްމަންޓާއި، ޕްރިކޯޝަނަރީ އެޕްރޯޗް އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުމުގެ އުސޫލުތަކާ އެއްގޮތަށް ހިނގާކަން ކަށަވަރުކުރުން ކަމުގައެވެ. އަދި އިހީގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭ މައުލޫމާތު، އިޖްތިމާޢީ އަދި އިޤުތިޞާދީ މަޢުލޫމާތަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުން ކަމުގައި އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން އިހީގެ މަސްވެރިކަމާއި ވިޔަފާރި މޮނިޓަރކުރުމާއި، ކޮންޓްރޯލް ކުރުމާއި، ސަރވައިލަންސްއާ ބެހޭ ނިޒާމު ތަންފީޒުކޮށް، މި މަސްވެރިކަމުގެ މަޢުލޫމާތު އެއްކުރުމާއި، ރިޕޯޓްކުރުން ހަރުދަނާކުރުން މި ޕްލޭންގެ ތެރޭގައި ހިމެނޭނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ޕްލޭންގައި މަޞްލަހަތުވެރިންނާއި އާންމުންގެ މެދުގައި އިހީގެ ބާވަތްތަކާއި އިހީގެ މަސްވެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުން ހިމަނާފައިވެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ޕްލޭން ފަރުމާކޮށްފައިވަނީ މި އަމާޒުތަކަށް ވާސިލުވުމަށް އެކުލަވައިލައިފައިވާ އިސްތިރާޖުތަކާއި ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން މި ޕްލޭން ތަންފީޒުކުރުމުން، ދިވެހިރާއްޖޭގެ އިހީގެ މަސްވެރިކަން އިތުރަށް ތަރައްޤީވެ، ދެމެހެއްޓެނިވި ގޮތެއްގައި މި ވަސީލަތް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ވިޔަފާރީގެ ގޮތުގައި ކުރެވޭ އިހީގެ މަސްވެރިކަމުގެ މައިގަނޑު މާކެޓަކީ، ރިސޯޓުތަކާއި ގެސްޓުހައުސް ތަކެވެ. ދެން ހުރި މުހިންމު މާކެޓުތަކުގެ ތެރޭގައި ރެސްޓޯރަންޓްތަކާއި އެހެނިހެން ލޯކަލް މާރުކޭޓުތައް ހިމެނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭރުގެ އެކި ފަރާތްތަކާއެކުވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ފުޅާކުރުމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.