ޚަބަރު

އެމިރޭޓްސް އެއަރލައިންސްގައި ޕޭޖަރާއި ވޯކީޓޯކީ އުފުލުން މަނާކޮށްފި


އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ޤައުމީ އެއަރލައިން, އެމިރޭޓްސް އެއަރލައިންސްގައި ޕޭޖަރާއި ވޯކީޓޯކީ ފަދަ މުއާޞަލާތީ ވަސީލަތްތައް އުފުލުން މަނާކޮށްފިއެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިން ކަމުގައިވާ އެމިރޭޓްސް އެއަރލައިންސުން ދަތުރުކުރާ ފަސިންޖަރުންނަށް ޕޭޖަރާއި ވޯކީޓޯކީ ފަދަ މުއާޞަލާތީ ވަސީލަތްތައް އުފުލުން މަނާކޮށްފައި ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދާދިފަހުން ދިން ނިރުބަވެރި ޙަމަލާތަކަކާ ގުޅިގެންނެވެ.

ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދީފައި ވަނީ ސެޕްޓެންބަރު 17ވަނަ ދުވަހުއެވެ. އެ ޙަމަލާތަކުގައި 12 ވަރަކަށް މީހުން ޝަހީދު ކޮށްލައި, އިތުރު 3,000އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ. އަދި, އޭގެ އެއް ދުވަސް ފަހުން, ވޯކީޓޯކީތައް ގޮއްވައިލައިގެން ދިން ޙަމަލާތަކުގައި 20 ވަރަކަށް މީހުން ޝަހީދު ކޮށްލިއެވެ. އަދި, 450އެއްހާ މީހުން ޒަޚަމު ކޮށްލިއެވެ.

"ދުބާއީ މަގުން ދަތުރު ކުރާ, އަދި އެތެރެވާ ހުރިހާ ފަސިންޖަރުން, ޕޭޖަރާއި ވޯކީޓޯކީ ފަދަ ވަސީލަތްތައް ޗެކިން ކޮށްފައިވާ ބެގޭޖުގައި އަދި ކެބިން ބެގޭޖުގައި އުފުލުން މިއަދަށް ފަހު މަނާވާނެ،" އެމިރޭޓްސް އެއަރލައިންސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި, ފޮރުވައިގެން މަތިންދާބޯޓަށް އަރުވާފައިވާ އެ ފަދަ ވަސީލަތެއް ފެނިއްޖެ ހިނދުގައި އެ ތަކެތި ފުލުހުންނާ ހަވާލު ކުރާނެ ކަމުގައި ވެސް އެ އެއަރލައިނުން ހާމަކުރިއެވެ. މިއީ, ހުރިހާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައި ވެސް އެ އެއަރލައިނުން ބުންޏެވެ.

އެ ފިޔަވަޅުތަކުގެ ދަށުން އެމިރޭޓްސުން ވަނީ އީރާނާއި ޢިރާޤަށް ކުރާ ދަތުރުތައް ވެސް މެދުކަނޑައިލާފައެވެ. އަދި, އުރުދުނަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑައިލާފައި އޮތް ނަމަވެސް, އޮކްޓޫބަރު 6ވަނަ ދުވަހުން ފެށިގެން އެ ދަތުރުތައް އަލުން ފަށާނެ ކަން އެ އެއަރލައިނުން އިޢުލާނު ކުރިއެވެ. ލުބްނާންގެ ޢާންމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ގިނަ އެއަރލައިންތަކަކުން ބައިރޫތަށް ކުރާ ދަތުރުތައް މެދުކަނޑައިލިއެވެ.

ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހު, ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު އެއްގަމު މަގުން އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ, ޤަތުލުޢާންމުތައް އިތުރަށް ފުޅާ ކޮށްފައެވެ.

އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާ ގުޅިގެން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ނުރައްކާތެރި ހަނގުރާމައެއް ފަށައި, އީރާނާއި އެމެރިކާ އެ ހަނގުރާމައިގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުން ދަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. ޔަހޫދީންގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދީފައިވެއެވެ.