ޚަބަރު

ޣައްޒާ ޢުދުވާނަށް އެއް އަހަރު: ޙިޒްބުاللهން ޔަހޫދީންގެ ޚައިފާއަށް ވަރުގަދަ ޙަމަލާތަކެއް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް އެއް އަހަރު ފުރުމާ ދިމާކޮށް މިސައިލާއި ޑްރޯންތައް ބޭނުން ކޮށްގެން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ޚައިފާއަށް އަމާޒުކޮށް ޙިޒްބުاللهން ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ވެސް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޚައިފާއަކީ ޔަހޫދީ ފައުޖުން ދިފާޢީ ކަންކަން ހަރުދަނާކޮށް ވަރުގަދަ ކޮށްފައިވާ ރަށެކެވެ. ނަމަވެސް, ޙިޒްބުاللهން މި ވަނީ އެ ރަށުގެ ދިފާޢު ފޫއަޅުވައިލައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙިޒްބުاللهން ބުނީ ފާދީ-1 މަރުކާގެ މިސައިލްތައް ބޭނުން ކޮށްގެން ޙަމަލާ ދީފައި ވަނީ ޚައިފާގައި ހުންނަ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. ޚައިފާއަކީ ލުބްނާންގެ ސަރަޙައްދީ ރޮނގާ 17 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ޚައިފާގެ އިތުރުން މެޑިޓެރޭނިޔަން ކަނޑުގެ އައްސޭރިފަށުގައި އޮތް ޒަޔަނިސްޓު ދައުލަތުގެ ރަށެއް ކަމުގައިވާ ތުވަރިޔާއަށް ވެސް ޙިޒްބުاللهން ޙަމަލާ ދިނެވެ. ތުވަރިޔާއަކީ ލުބްނާންގެ ސަރަޙައްދީ ރޮނގާ 65 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެ ރަށަށް ފަސް މިސައިލް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, އެ ދެ ރަށަށް ދީފައިވާ ޙަމަލާތަކުގައި ޔަހޫދީންގެ 10 މީހުން ޒަޚަމު ކޮށްލާފައިވާ ކަން އިސްރާއީލުގެ މީޑިޔާއިން ކަށަވަރު ކޮށްދިނެވެ.

ޔަހޫދީ ފައުޖުން ބުނީ ޚައިފާއަށް ޙަމަލާ ދިނުމަށް ޙިޒްބުاللهން ފަސް ރޮކެޓު ބޭނުން ކޮށްފައިވާ ކަމުގައެވެ. އަދި, ތުވަރިޔާއަށް އަމާޒުކޮށް 15 ރޮކެޓު އުދުއްސައިލާފައިވާ ކަމުގައެވެ. އެ ޙަމަލާތައް ދިފާޢު ކުރަން ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, އޭގެ ތެރެއިން ގިނަ ޙަމަލާތައް ދިފާޢު ކުރެވިފައެއް ނުވެއެވެ.

އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ ޖާސޫސީ އިދާރާގެ މައި މަރުކަޒާއި, ކޮމާންޑު ސެންޓަރުތަކާއި, ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ނަމަވެސް, ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށެވެ. އެ ޙަމަލާތަކާއި އެކު ބައިރޫތު ވަނީ ގުގުމައިލާފައެވެ. ބައިރޫތުގެ އިތުރުން ލުބުނާނުގެ ދެކުނުގެ ރަށްތަކާއި އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

ޙިޒްބުاللهގެ ޙަމަލާތައް ޒަޔަނިސްޓު ދައުލަތުގެ މެދުތެރޭގައި އޮތް ރިޝޯން ލެތުސިޔޯނާއި ޕަލްމަޚީމަށް އަމާޒު ކޮށްފައިވާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. އެ ރަށްތަކަށް ޙަމަލާ ދޭން ޙިޒްބުاللهން ބޭނުން ކޮށްފައި ވަނީ އަސްކަރީ ޑްރޯންތަކެވެ. ޙަމަލާތަކާ ގުޅިގެން އެ ސަރަޙައްދުތަކުގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި, ސަލާމަތްވާން ޔަހޫދީން ބޮން ޝެލްޓަރތަކަށް ވަދެ ބޮނދައި, ފިލިއެވެ. ޔަހޫދީ ފައުޖުން ބުނީ އެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުاللهން ފޮނުވައިލި ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.