ޚަބަރު

ޑޮޕްލަރ ވެދަރ ރާޑާރު މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފި


  • މިއީ މޫސުމާބެހޭ މަޢުލޫމާތު ބެލުމަށް ބޭނުންކުރާ ފަހުގެ ޒަމާނީ ވަޞީލެއް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭނުންކުރާ ޑޮޕްލަރ ވެދަރ ރާޑާރު މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފިއެވެ. ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަދުވަސްތަކަކަށްފަހު މިއަދު ބޭނުންކުރަން ވަނީ ފަށާފައިއެވެ.

ޑޮޕްލަރ ވެދަރ ރާޑާރަކީ ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއްކަމާއި، މި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެކަމަށްވެސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިއެވެ.

ޑޮޕްލަރ ވެދަރ ރާޑާރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތު (ނައުކާސްޓިންގ) ދެނެގަނެވޭނެއެވެ. އަދި ހަމައެއާއެކު އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިއެވެ.

ޑޮޕްލަރ ވެދަރ ރާޑާރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިއްމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިއެވެ.

މި ރާޑަރ ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭގޮތަށް މަރާމާތުކޮށް ރާޑަރ ނެޓްވޯރކް ފުޅާކުރުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރާޑަރ ބަހައްޓާ މޫސުން ބެލުމާއި ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވިދާޅުވިއެވެ.