ޚަބަރު

ޑިޖިޓަލް އާކައިވް ތަރައްޤީކުރާނީ ޒަމާނީ ވަސީލަތްތަކާއެކު: ވަޒީރު އިބްރާޙިމް ވަޙީދު


  • މި ނިޒާމުގައި ރާއްޖޭގެ ސަޤާފަތާއި ތާރީޚާއި މަސައްކަތްތަކުގެ މަޢުލޫމާތު ހިމަނާނެ

ދިވެހިރާއްޖޭގެ ތާރީޚާއި ރާއްޖެއާ ގުޅޭ މަޢުލޫމާތު ރައްކާކުރުމަށް ޤާއިމްކުރާ ޑިޖިޓަލް އާކައިވް ތަރައްްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމަތާއި ފަންނާ ބެހޭ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުފުޅާ އެއްގޮތަށް ޒަމާނީ ޑިޖިޓަލައިޒް ނިޒާމެއްގެ ތެރެއިން ދިވެހިރާއްޖޭގެ ތާރީޚާއި ރާއްޖެއާއި ގުޅޭ މަޢުލޫމާތު ރައްކާކުރުމަށް ޤާއިމްކުރާ ޑިޖިޓަލް އަރކައިވް ޕްރޮޖެކްޓްގެ ޕްރޮޓޯޓައިޕް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

"ނެޝަނަލް އަރކައިވް އޮފް ދަ މޯލްޑިވްސް، ޑިޖިޓަލް އަރކައިވް ޕްރޮޖެކްޓް ޕްރޮޓޯޓައިޕް" އިފްތިތާޙުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާޙިމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އޮފް ދަ ނެޝަނަލް އަރކައިވްސް އޮފް މޯލްޑިވްސް މުޙައްމަދު އާމިރު އަޙުމަދުއެވެ.

މި ޑިޖިޓަލައިޒް ނިޒާމަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތާ، ރާއްޖޭގައި ހިންގަމުންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު އިންޓަނެޓްގައި ރައްކާތެރިކޮށް އަންނަ އޮތް ޖީލުތަކަށް ގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ފައްޓާވާފައިވާ މަސައްކަތެކެވެ.
މި ނިޒާމު ޤާއިމުކުރަނީ ބްރެޒިލްގެ ކުންފުންޏަކާއި ޔޫކޭގެ ކަމާބެހޭ ތަޖުރިބާކާރަކާއި ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވީ މިއަދު ފެށިގެންދަނީ ދިވެހިރާއްޖޭގެ ތާރީޚު އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކާކުރެވޭނެ ނިޒާމެއްކަމަށެވެ. ވަޒީރު ވިދާޅުވީ މިނިޒާމަކީ ހަމައެކަނި ރާއްޖޭގެ ތާރީޚު ބުނެދޭނެ ވެބްސައިޓެއް ނޫންކަމަށާއި މިއީ ދުނިޔެއަށް ދިވެހިރާއްޖެ ބުނެދޭނެ މަސައްކަތަކަށް ވެގެންދާނެކަމަށެވެ.

"ރާއްޖޭގެ ސަޤާފަތް، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ތާރީޚީ ވާހަކަތަކާއި، ޖުމްލަކޮށް ރާއްޖެއަށް މުހިންމު ހުރިހާ ދާއިރާއިން ތާރީޚައްޓަކާއި މަޢުލޫމާތު ހިމަނާނެއެވެ. ތާރީޚީ ތަންތަނާއި ތަކެތި ނެތިދާ ޙާލަތުގައިވެސް މި މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓެމުން ދާނެ." ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.

މި ނިޒާމުވެގެންދާނީ އެންމެ ޒަމާނީ ނިޒާމުގެ ތެރެއިން، ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓި މަޢުލޫމާތު އަދާހަމަ ކުރެވިގެންދާ ނިޒާމަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖެ "ޑިޖިޓަލް ޓްރާންސްފޮމޭޝަން"އަށް ދާއިރު ވަރަށް މުހިންމު ނިޒާމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތްވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްވެސް މުހިންމު މަސައްކަތަކަށްކަމަށެވެ.

ވަޒީރު ވިދާޅުވީ މި ނިޒާމު ތަރައްޤީކުރާނީ އާއްމުންނަށް ފުޅާދާއިރާއެއްގައި މަޢުލޫމާތު ލިބޭގޮތަށްކަމަށާއި ނިޒާމު އިތުރަށް ތަރައްޤީވެގެންދާއިރު، މަޢުލޫމާތު ރައްކާކުރާ ގޮތްތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އާންންނެކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މާލީ ވުޒާރާގެ ބޮޑު އެހީތެރިކަމަކާ އެކުކަމަށްވެސް މަޢުލޫމާތާ ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.