ޚަބަރު

ރާއްޖެއާއި އިންޑިއާގެ ތާރީޚީ ގުޅުމުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރޭ: އިންޑިއާގެ ނައިބު ރައީސް


  • އިންޑިއާގެ ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި

ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުވެފައިވާ ތާރީޚީ ގުޅުން މިއަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއްކަމަށް އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވިދާޅުވެއްޖެއެވެ.

ންޑިއާގެ ނައިބު ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި ރަޙުމަތްތެރިކަމުގެ ގުޅުމުގެ އެތައް ޤަރުނެއްވީ ތާރީޚެއް އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް މެދުވެރިވާ ހައްސާސް ހާލަތްތަކުގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން އިސްކަންދޭ ދިނުމުން އަންގައިދެނީ، ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިފައިވާ މިންވަރުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ދެޤައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަކީ ދެ ޤައުމެއްގެ ގުޅުން ބަދަހިކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރައްވަމުން އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކާރް ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ތާރީޚީ ގުޅުން އަދާ ހަމައަށްވެސް ދެމިއޮތް ކަމީ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގިނަ ދާއިރާތަކެއްގައި ދޭދޭ ފަރުދުން އެއްބައިވަންތަ ކުރުވާ ކަމެއް ކަމުގައި ފާހަގަކުރައްވާފަައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ދެން މަޝްވަރާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ މުޢާމަލާތްތަކުގެ އެހީގައި، ހުރިހާ ފެންވަރެއްގައިވެސް އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.