ޚަބަރު

ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން ފެނަކައަށް 39 ޖެނެރޭޓަރެއް ހޯދަނީ


  • ފެނަކައިން ޖެނެރޭޓަރުތައް ހޯދަނީ ހޫނުމޫސުމާއި ރޯދަމަހަށް ދުރާލާ ތައްޔާރުވުމަށް

އަންނަ އަހަރުގެ ހޫނުމޫސުމާއި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން 39 ޖެނެރޭޓަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.

ފެނަކައިން ވިދާޅުވީ، މި ޖެރެނޭރޭޓަރުން ހޯދުމަށް މިހާރު ހުޅުވާލައިފިއެވެ. އެގޮތުން އެކި ރަށްރަށުގެ ކަރަންޓު ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާ 39 ޖެނެރޭޓަރު ހޯދުމަށް، ޖެނެރޭޓަރު ވިއްކާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މިތަކެތި ފެނަކައަށް ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ކަމަށް ފެނަކައިން ވިދާޅުވެއެވެ.

މި ޖެނެރޭޓަރުތައް ހޯދަނީ، އަންނަ އަހަރުގެ ރަމަޟާން މަހަށާއި ހޫނުގަދަ ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން، ކަމަށް ފެނަކައިން ވިދާޅުވެއެވެ.

ފެނަކައިން ވިދާޅުވީ، އަންނަ އަހަރުގެ ރަމަޟާން މަސް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާކަމުން، އެދުވަސްތަކުގެ ކަރަންޓަށް އޮންނަ ޑިމާންޑު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ. އެހެން ކަމުން ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް، ދުރާލާ ތައްޔާރު ވަމުންދާ ކަމަށެވެ.

ފެނަކައިން ހޯދާ ޖެނެރޭޓަރުތަކާއި އޭގެ ކެޕޭސިޓީ:

• 250 ކީލޯވަޓުގެ 7 ޖެނެރޭޓަރު
• 400 ކިލޯވަޓުގެ 6 ޖެނެރޭޓަރު
• 600 ކިލޯވަޓުގެ 8 ޖެނެރޭޓަރު
• 800 ކިލޯވަޓުގެ 5 ޖެނެރޭޓަރު
• 1000 ކިލޯވަޓުގެ 6 ޖެނެރޭޓަރު
• 1200 ކިލޯވަޓުގެ 5 ޖެނެރޭޓަރު
• 1600 ކިލޯވަޓުގެ 2 ޖެނެރޭޓަރު

ފެނަކައިން މި ޖެނެރޭޓަރުތައް ހޯދުމަށް މިހާރު ހުޅުވާލާފައިވާއިރު، މިމަހުގެ 7 އިން 14 އަށް ބީލަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި ޖެންސެޓްތައް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮކްޓޫބަރު މަހުގެ 14 ގެ ނިޔަލަށް ބީލަމަށް ރަޖިސްޓްރީވެވޭނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ.