ޚަބަރު

ބޮލީވުޑްގެ ފިލްމުތައް އުފެއްދުމަށް ރާއްޖެ އައުމަށް ރައީސްގެ ދައުވަތު


  • ރައީސް ވަނީ އިންޑިއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްގެ ގޮތުގައި ފާހަގަކުރައްވާފައި

އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީއަށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފޭނެކަމަށް ވިދާޅުވެ ބޮލީވުޑުގެ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ރާއްޖެ ޚިޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

އެމަނިކުފާނު މި ދަޢުވަތުދެއްވީ އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ދެވަނަ އެޑިޝަން ބޭއްވީ މުމްބާއީގައެވެ. އެހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވީ ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުފަތުރުކުރުމެއް ނޫންކަމަށެވެ. އެއީ ގުޅުންތައް ބަދަހިކޮށް، ސަގާފީ ގޮތުން އެއްބައިވަންތަކަން އުފެއްދުމާއި، ޤައުމުތަކުގެ މެދުގައި ސުލްޙަވެރިކަމާއެކު އެކުވެރިކަން ކުރިއެރުވޭ ކަމެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މި އަހަރު އެކަނިވެސް، އިންޑިއާއިން ރާއްޖެއަށް ލައްކައަކާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ވިދާޅިވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަރަމުންދާކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިޔާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރައީސް ވިދާޅުވީ، މިއީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަކަން ދައްކުވައިދޭ ކަމެއްކަމަށާއި، އޭގެ އިތުރަށްވެސް ދެޤައުމަށްވެސް ފައިދާވާނެ އައު ފުރުޞަތުތައް ހޯދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ވިދިވިދިގެން 4 އަހަރު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު ހޯދާފައިވާ ޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޝަރަފަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށްކުރާ އިތުބާރުގެ ނަތީޖާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

:އަޅުގަނޑުމެންގެ ސާފުތާހިރު ގޮނޑުދޮށްތަކާއި، ފެހި ރިސޯޓުތަކާއި، ނަމޫނާ މެހެމާންދާރީއަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ އަސާސް. އަދި އިންޑިއާއަކީ މި ދަތުރުގައި އަޅުގަނޑުމެންގެ މުހިންމު ބައިވެރިއެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލުވެފައިވާއިރު، އެފަރާތްތަކުން ތަފާތު ތަޖުރިބާ ރާއްޖޭގައި ކުރަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. ޢަދި އެފަދަ ހުރިހާކަމަކަށް ރާއްޖޭގެ ފަތުރުވެރިކަން އޮތީ ފައްކާވެފައިކަމަށާއި، އިކޯ ޓޫރިޒަމާއި ވެލްނެސް ޓުރިޒަމް އަދި ފިލްމު ޓޫރިޒަމަށްވެސް ރާއްޖެ ހުޅުވާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަކީ ހަމައެކަނި މަގުބޫލު މަންޒިލެއް އެކަނި ނޫންކަމަށާއި، އެފަރާތްތަކުގެ ހަނދާނާވެސް ގުޅިފައިވާ މުހިންމު ތަނަކަށް ރާއްޖެވެފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީއަށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައި، ފިލްމު އުފެއްދުންތަކުގައި ގުދުރަތީ ރީތި މަންޒަރުތައް ބޭނުންކުރެވިދާނެކަމަށް ވިދާޅުވެ ރައީސް ވަނީ ބޮލީވުޑް އިންޑަސްޓްރީޢަށް ރާއްޖެ އައުމަށް ދަޢުވަތު ދެއްވާފައެވެ.

""ބޮލީވުޑް އިންޑަސްޓްރީއަށް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ބޭނުން ހިފައި، އެފަރާޓްތަކުގެ ފިލްމު ސެޓްތައް އުފެއްދިދާނެ. އަޅުގަނޑު ވަރަށް ހޫނު މަރުޙަބާއެއް ކިޔަން ބޮލީވުޑުން ދިވެހިރާއްޖެ ފިލްމު ނެގުމަށް ޚިޔާރުކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރައްވާ މަސައްކަތްވެސް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އުތުރަށް ފަތުރުވެރިކަން ފުޅާވާނެކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢޫއާއެކުވެސް ޓޫރިޒަމަށް ކުރިއެރުންތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގައި އިތުރު 6000 ޓޫރިޒަމް އެނދު އަދި ހުވަދު އަތޮޅުގައި ދިހަ ހާސް ޓޫރިސްޓު އެނދު މި ފަސް އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.