ޚަބަރު

ރާއްޖެ ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި


  • އިޓަލީވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމު

  • އިޓަލީވިލާތުގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމ ގުޅޭގޮތުން މަޝްވަރާކުރެއްވި

ރާއްޖެ ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް އިޓަލީވިލާތުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑާނިއެލާ ސަންޓޭންޗްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލާއި އިޓަލީވިލާތުގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޑާނިއެލާ ސަންޓޭންޗް ބޭއްވެވި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ އެހެން ދާއިރާތަކުން ގުޅުންތައް ވަރުގަަދަކުރުމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން ރާއްޖެ އަންނަ އިޓަލީވިލާތުގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި އިޓަލީގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ހުރި ވިޔަފާރިގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. އެގޮތުން ރާއްޖެއަށް 5 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިޓަލީންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 107799 ފަތުރުވެރިން ރާއްޖެއައިސްފައިވެއެވެ.