ޚަބަރު

ޔަހޫދީން އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ދެ ސިފައިން ޒަޚަމު ކޮށްލައިފި


ލުބްނާނުގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުުޖު (ޔުނިފިލް)ގެ މައި މަރުކަޒަށް ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ނިރުބަވެރި ޙަމަލާތަކެއްދީ, އދގެ ލަޝްކަރުގެ ދެ ސިފައިން ޒަޚަމު ކޮށްލައިފިއެވެ. މިއީ, ފާއިތުވި 48ވަރަކަށް ގަޑިއިރުގެ ތެރޭގައި ލުބްނާނުގެ ދެކުނުގައި އޮންނަ އަލް-ނާޤޫރަތުގައި ހުންނަ ޔުނިފިލްގެ މައި މަރުކަޒަށް ޔަހޫދީ ސިފައިން ޙަމަލާ ދީފައިވާ ދެވަނަ ފަހަރެވެ. މި ޙަމަލާތައް ދީފައި މި ވަނީ, ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ.

ޔުނިފިލްގެ ދެ ސިފައިން ޒަޚަމު ކޮށްލުމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ޔުނިފިލުން ބުނީ, މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށާއި, އެ ލަޝްކަރުގެ ސިފައިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭނެ ކަމުގައެވެ.

ފަރަންސޭސިވިލާތާއި, އިޓަލީވިލާތުގެ އިތުރުން ސްޕެއިނުން ވެސް ވަނީ ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި, ފަރަންސޭސިވިލާތުން ވަނީ އެ ޤައުމުގައި ހުންނަ ޒަޔަނިސްޓު ދައުލަތުގެ ސަފީރު ހާޒިރުކޮށް, އެ ކަމާމެދު ސުވާލު ކޮށްފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޔުނިފިލްގެ ސިފައިންނަށް ޙަމަލާތައް އަމާޒު ކުރުން ހުއްޓައިލަން ޔަހޫދީ ފައުޖަށް ގޮވައިލައްވާފައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް ކުށްވެރިކޮށް ރަޝިޔާއިން ވެސް ވަނީ, އދގެ ސުލްޙަ ބަލަހައްޓާ ފައުޖުގެ ސިފައިންނަށް ޙަމަލާ ދިނުން ހުއްޓައިލަން ޔަހޫދީންނަށް ގޮވައިލާފައެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާގައި ޒަޚަމު ކޮށްލާފައި ވަނީ ޔުނިފިލްގެ ލަޝްކަރުގައި ޚިދުމަތް ކުރާ ސްރީ ލަންކާގެ ދެ ސިފައިންނެވެ. އެ މީހުންނަށް ދީފައިވާ ޙަމަލާތަކުން ރެކެން ޔަހޫދީން ބުނީ, ޙަމަލާތައް އަމާޒު ކޮށްފައިވާނީ ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ މެންބަރުންނަށް ކަމުގައެވެ. އަދި, މައި މަރުކަޒުން ނުނިކުންނަން ޔުނިފިލްގެ ސިފައިންނަށް އަންގާފައިވާނެ ކަމުގައެވެ. ޔަހޫދީ ފައުޖުން ގަސްދުގައި ޙަމަލާދީ, އެ ސަރަޙައްދުގައި ޔުނިފިލުން ޤާއިމު ކޮށްފައިވާ ސީސީޓީވީ އަދި މުއާޞަލާތީ ނިޒާމު ހަލާކު ކޮށްލާފައިވާ ކަން ވެސް ޔުނިފިލުން ހާމަކުރިއެވެ.

ޔަހޫދީ ފައުޖުން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ, ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް ދެމުންދާ ރޮކެޓު ޙަމަލާތައް ހުއްޓުވުމާއި, އެ ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ޖިހާދެއް ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އޮކްޓޫބަރު 11ވަނަ ދުވަހު ޙިޒްބުاللهން ދިން ޑްރޯން ޙަމަލާތަކެއްގައި އިސްރާއީލުގެ ހެރްޓްޒެލިޔާގައި ހުންނަ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަން ޔަހޫދީން ކަށަވަރު ކޮށްދިނެވެ. ނަމަވެސް, އެ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ދީފައިވާ ރޮކެޓު ޙަމަލާތަކުގައި 54 މީހުން މަރައިލިއެވެ. އޭގެ ތެރޭގަައި ގިނައީ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނެވެ.

ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ލުބްނާނުގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 39 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ޤައުމުގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ހާމަކުރެއްވިއެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ އިތުރު 139 މީހުން ޒަޚަމު ކޮށްލިއެވެ. އަދި, ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. ލުބްނާންގެ ދެކުނުގައި އޮތް ކުފްރާއަށް ޔަހޫދީ ފައުޖުން ދިން ޙަަމަލާތަކެއްގައި އެ ޤައުމުގެ އަސްކަރިއްޔާގެ ދެ ސިފައިން ޝަހީދުކޮށްލައި, އިތުރު ތިން ސިފައިން ޒަޚަމު ކޮށްލިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ޔުނިފިލަށް މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަތިޔާރު ގެންގުޅުން ހުއްޓުވުމާއި, އެ ސަރަޙައްދުގެ އަމަން ބެލެހެއްޓުމުގައި ލުބްނާންގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް, އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާ ޔުނިފިލްގެ ސިފައިންނާ ދެމެދު ވަނީ ނުތަނަވަސް ކަން އުފެދިފައެވެ. ލުބްނާނުގެ ދެކުނުގެ ގިނަ ސަރަޙައްދުތައް އޮތީ ޙިޒްބުاللهގެ ބާރުގެ ދަށުގައެވެ.

ޔުނިފިލްގެ ފައުޖުގައި 50 ޤައުމެއްގެ ސިފައިން ހިމެނޭއިރު, އޭގެ ތެރޭގައި 10,400 ސިފައިން ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިޓަލީވިލާތާއި, ފަރަންސޭސިވިލާތާއި, މެލޭޝިޔާއާއި, އިންޑޮނީޝިޔާގެ އިތުރުން އިންޑިޔާގެ ސިފައިންނެވެ. ޔުނިފިލްގެ ސިފައިންގެ ޒިންމާއަކީ ލުބްނާނުގެ އުތުރުގައި އޮތް ލަޔިޠާނީ ކޯރާއި ދެކުނުގައި އޮތް އިސްރާއީލް-ލުބްނާން ސަރަޙައްދީ ރޮނގާ ދެމެދުގައިވާ ބްލޫ ލައިންގެ ނަން ދީފައިވާ ސަރަޙައްދުގެ އަމަން ބެލެހެއްޓުމެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,100އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.