ޚަބަރު

އެއްގަމުގޭ އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ


ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ހަގުދަރިކަނބަލުން، އެއްގަމުގޭ އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވެއްޖެއެވެ.

ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީދީދީގެ 4 ބޭކަނބަލުންގެ ތެރެއިން އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވެފައިވާއިރު، އެކަމަނާ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

ޚަދީޖާ އިބްރާހީމްދީދީގެ ޖަނާޒާ އޮންނާނީ މަޢުރިބު ނަމާދަށްފަހު، މަސްޖިދުއްތަޢާވުނި، އާސަހަރާ މިސްކިތުގައެވެ.

އަންނަބިލާ ޚަދިޖާ އިބްރާހީމްދީދީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން ހެންވޭރު އަންހެނުންގެ ކޮމިޓީގެ ރައީސްކަންވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.

ޚަދީޖާ އިބްރާހިމް ދީދީ އަވަހާރަވުމާއެކު ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބެފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި އިންނެވީ އޮނަރަބަލް އަބްދުއްސައްތާރު މޫސާ ދީދީގެ ހުވަފަތް އަނބިކަނބަލުން ޢާއިޝަތު އިބްރާހީމް ދީދީއެވެ. އެއްގަމުގޭ އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ އަވަހާރަވީ ކޮވިޑް ބަލީގައި 2021ވަނަ އަހަރުގެ ޖުލައި މަހުގައެވެ.