ޚަބަރު

އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ


އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހެއްޓެވުމަށްއެދި ދުއާކުރެއްވިއެވެ.

ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީދީދީގެ 4 ބޭކަނބަލުންގެ ތެރެއިން އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވެފައިވާއިރު، އެކަމަނާ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.

ޚަދީޖާ އިބްރާހީމްދީދީގެ ޖަނާޒާ އޮންނާނީ މަޢުރިބު ނަމާދަށްފަހު، މަސްޖިދުއްތަޢާވުނި، އާސަހަރާ މިސްކިތުގައެވެ.