ޚަބަރު

މައްސަލަ ހައްލުކޮށް ކުއްޑޫ އެއަރޕޯޓް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެ: ވަޒީރު އަމީން


  • އެއަރޕޯޓް މަރާމާތު ނުކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި

  • މޯލްޑިވިއަންގެ ދެ ބޯޓަކަށް ވަނީ ގެއްލުން ލިބިފައި

ކޫއްޑޫ އެއަޕޯޓަށް ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ޢަންމު ހާލަތަށް ގެނެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މޯލްޑިވިއަންއިން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ މޯލްޑިވިއަންއިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލަން ނިންމީ އެއަރޕޯޓް މަރާމާތުނުކޮށް ދިގު މުއްދަތެއް ވޭތުވުމާއި ގުޅިގެންކަމަށެވެ. އަދި އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ލިބި، ގްރައުންޑް ކުރަންޖެހުނުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓަރ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއަރޕޯޓް އާންމު ޙާލަތަށް ގެނެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރުއެވެ. އެއަށްފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާއެކު އެއަރޕޯޓް ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރުއެވެ.