ޚަބަރު

ކައުންސިލް ހިންގުމަށް ދައްޗެއް ނެތް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ: މޭޔަރ އާޒިމް


  • ކައުންސިލް ހިންގުމަށް ޕާޓީއަށް ނިސްބަތްވާ ފަރާތްތައް ކޮންސަލްޓަންޓުންގެ ގޮތުގައި ނަގާފައިވާ ކަމަަށް ވިދާޅުވި

މާލެ ސިޓީ ކައުންސިލް ހިންގުމުގައި ދަތިވާ އެއްވެސް ކަމެއް ނެތް ކަމާށާއި، ސަރުކާރުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، އެމްޑީޕީން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލު ހިންގުމަށްވެސް ދަތިވާ އެއްވެސް ކަމެއް ނެތްކަމަށެވެ. އެގޮތުން އެ ކައުންސިލުގައި އެހީވުމަށް 15 ކޮންސަލްޓެންޓުން ނަގާފައިވާ ކަމާށާއި އޭގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.

އަދި ކަންކަންކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާ އާޒިމް ވަނީ ވަގުތު ދީގެން އެންމެންނާއި ގުޅިގެން ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންނާއި ގުޅުންހުރި ކަންތައްތަކުގައި އެހީތެރިކަން ލިބޭކަމަށް އާޒިމް ވިދަޅުވިއެވެ.

"އަޅުގަނޑު ކުރާ ގޮތަކީ ރައްޔިތުންނަށް ގުޅުން ހުރި ކަންތައްތައް ނޫނީއްޔާ އަޅުގަނޑު ނުގެންދަނީ. ދެން ރައްޔިތުންނާއި ގުޅުން ހުރިކަންކަން ލައިވް ކުރަނީ، އެމީހުންވެސް [ސަރުކާރުން] ވެސް ބޭނުންވޭ ކަންތައްތައް ކުރަން. އެހެންވީމަ އެގޮތަށް އެބަވޭ. " އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަ ނިންމަވަލެއްމުވުމުން ކޮންފަރެންސް ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު ވަނީ އާޒިމްގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމުގެ ކުރިން އެޑިޓް ކުރުމަށް އެދިލައްވާފައެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ކޮންސަލްޓަންޓުންގެ މަޤާމުދޭކަން ފާހަގަކުރައްވާ އާޒިމް ދެއްކެވި ވާހަކަފުޅު އުނިކުރުމަށްވެސް ފައްޔާޒު އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެމްޑީޕީގެ މި ކޮންފަރެންސް ދިޔައީ ޓީވީ ލައިވް ކުރަމުންކަން އެނގިވަޑައިގަތުމުން ފައްޔާޒުގެ މޫނުމަތިން ވަނީ ނުތަނަވަސްކަން ހާމަވެފައެވެ.

މޭޔަރ އާޒިމް ވަނީ މީގެ ކުރިންވެސް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވެއެވެ. އެގޮތުން ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ.

ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަކީ މާލެ ސިޓީ ކައުންސިލަށް ވަޑައިގެން، އެ ކައުންސިލްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ރައީސްއެވެ. އަދި އެމަނިކުފާނު އެ ކައުންސިލުގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ އެތައް ސަތޭކަ ކައުންސިލަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ކައުންސިލްތަކާއި ބައްދަލުކުރައްވާ ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވާފައެވެ. އަދި ކައުންސިލްތަކުން ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ވަނީ ކައުންސިލްތަކަށް ދެއްވާފައެވެ،