ޚަބަރު

އެމެރިކާގެ އައު ސިޔާސަތަކީ ޔަހޫދީން ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލުން


ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ގޮތުން އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ކޮށްފިއެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހު ފެށި ލާއިންސާނީ ޖަރީމާތައް 21 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން އެމެރިކާއިން ކުރިން ބާރުއެޅިއެވެ. ނަމަވެސް, ޔަހޫދީން އެ ކަމަށް އިންކާރު ކުރުމާ ގުޅިގެން އެމެރިކާއިން މި ވަނީ އެ ޤައުމުގެ ސިޔާސަތު ބަދަލު ކޮށްފައެވެ.

އެމެރިކާގެ އައު ސިޔާސަތަކީ, ލުބްނާނުގެ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުމުގެ ފުރުޞަތު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނަށްދީ, ޔަހޫދީން ހިތުހުރި ގޮތެއް ހަދަމުންދާ މަންޒަރު ބަލަން އޮތުމެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވަނީ އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ, އެމެރިކާގެ އައު ސިޔާސަތަކީ ޔަހޫދީން ބޭނުންހާ ގޮތެއް ހަދަން އެ މީހުން ދޫކޮށްލުން ކަމުގައެވެ.
ހާލަތު ބަދަލުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "[ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް] ޙިޒްބުالله ނައްތައިލުމުގެ ނަމުގައި އިސްރާއީލުން ފަށާފައިވާ ޖަރީމާތަކަށް އަޅުގަނޑުމެން ތާޢީދު ކުރަން. [އިސްރާއީލާއި ލުބްނާނާ ދެމެދު އުފެދިފައިވާ] މައްސަލަތަކަށް ސިޔާސީ ޙައްލެއް ހޯދަން މަސައްކަތް ކުރާނީ [ޙިޒްބުالله ނައްތައިލުމުގެ ލަނޑުދަނޑި ހާސިލުވުމުން] އެއަށް ފަހު،" އޭނާ ވިދާޅުވިއެވެ.

މިއީ, އެމެރިކާއިން މީގެ ކުރިން ހާމަކޮށްފައިވާ ސިޔާސަތާ ފުށުއަރާ ސިޔާސަތެކެވެ. މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ދޭން ބޭނުން ނުވާ ކަމުގައި އެމެރިކާއިން ކުރިން އެތައް ފަހަރަކު ބުނެފައިވެއެވެ. ނަމަވެސް, އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޙިޒްބުالله ބަލިކަށިކޮށްލުމަކީ ވެސް އެމެރިކާގެ މަޤުޞަދެކެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ލުބްނާނުގެ ރައްޔިތުންނަށް ޔަހޫދީން ހިތުހުރި ގޮތެއް ހަދަން ދޫކޮށްލުމަކީ ނުރައްކާތެރި އަދި ހިރާސްތައް ބޮޑު ނިންމުމެއް ކަމުގައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ ޖޮން އޮލްޓަރމަން ވިދާޅުވީ, ޙިޒްބުالله ބަލިކަށިކޮށްލުމަކީ އެމެރިކާގެ ބޭނުމަކަށްވީ ނަމަވެސް, ޔަހޫދީންނަށް އެ ކަން ހާސިލު ކުރެވިއްޖެ ނަމަ, ލުބްނާނުގެ މަސްރަޙަށް ހުސްކަމެއް އަންނާނެ ކަމުގައެވެ. އަދި, އެއިރުން މެދުރިއުމަތީގައި ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިގެން ދިޔުމުގެ ފުރުޞަތު އިތުރަށް ބޮޑުވާނެ ކަމުގައެވެ. "އިސްރާއީލުގެ ސިޔާސަތުތައް ބަދަލު ނުކުރެވިއްޖެ ނަމަ, ދެން އޮންނާނީ އެ މީހުން ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލައި އެއިން ފައިދާ ހޯދުން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ނެގޯޝިއޭޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ އެރޮން ޑޭވިޑް މިލަރ ވިދާޅުވީ ޔަހޫދީން ކޮންޓްރޯލް ކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އަަދި, ޔަހޫދީން ބޭނުންހާ ގޮތެއް ހެދުމުގެ ފުރުޞަތު ދިނުމަކީ އެމެރިކާއަށް އެންމެ ފައިދާ ބޮޑުވާނެ ގޮތް ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އެމެރިކާއިން ވެސް ބޭނުން ވަނީ ޙިޒްބުالله ނައްތައިލުމަށެވެ. އަދި, އީރާނުގެ ބާރާއި ނުފޫޒު ކުޑަ ކުރުމަށެވެ. ޔަހޫދީން މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ އެކު އެމެރިކާގެ އެ އަމާޒުތައް ހާސިލުވާނެ ކަމަށް އެ ޤައުމުން ޤަބޫލު ކުރާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ ލުބްނާނުގެ ޢާންމު ރައްޔިތުންގެ ގެދޮރާއި, ޢުމްރާނީ ވަަސީލަތްތަކަށެވެ. ސެޕްޓެންބަރު 27ވަނަ ދުވަހު އެ ޤައުމުގެ ވެރިރަށް ބައިރޫތަށް ދިން ޙަމަލާތަކުގައި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވަނީ ޝަހީދު ކޮށްލާފައެވެ. އެމެރިކާއިން ސިފަ ކޮށްފައިވާ ގޮތުގައި އެއީ ވަރަށް އިންސާފުވެރި އަމަލެކެވެ.

ލުބްނާން ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މި ވަގުތު އެއްވެސް ވަރަކަށް މަޝްވަރާ ކުރަމުން ނުދެއެވެ. ވިލާތުގެ މަޞްދަރުތަކުން ބުނީ, ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލުމުގެ އެއްވެސް ނިޔަތެއް ޔަހޫދީންގެ ކިބައިގައި ނެތް ކަމުގައެވެ. ޔަހޫދީންގެ ޢުދުވާން ހުއްޓައިލަން ދެކޮޅު ހަދަމުންދާ ނަމަ, މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށޭނެ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެ ކަމުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ. މެދުއިރުމަތީގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވޭ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ޔަހޫދީން ދަނީ ތައްޔާރުވަމުންނެވެ. އަދި, އީރާނުން ދީފާނެ ރައްދު ޙަމަލާތަކުން ޔަހޫދީންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އެމެރިކާއިން އޮތީ ފޫގަޅައިގެން ތައްޔާރަށެވެ. މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ނުރައްކާތެރި ހަތިޔާރުތައް އެމެރިކާއިން ފޮނުވާފައި ވަނީ އެ ބޭނުމުގައެވެ.

ފަލަސްޠީނާއި ލުބްނާނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދާދި ފަހުން އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ދިފާޢީ ޙަމަލާތަކެއް ދިނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އޮކްޓޫބަރު 1ވަނަ ދުވަހު ދިން ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް, މިސައިލްތައް ދިފާޢު ކުރުމުގައި އެމެރިކާއިން ވަނީ ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އީރާނަށް ޙަމަލާ ދޭން ޔަހޫދީން މި ވަގުތު ތައްޔާރުވަމުން ދަނީ ބަދަލު ހިފުމުގެ ގޮތުންނެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,255އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.