މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ވ އަތޮޅު ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި މާލެ އަށް ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށެން ކައިރިވުމުން، ކުރާ ވިއްސާރައެއްކަމަށެވެ.
މިވިއްސާރައިގައި ރާއްޖެއަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ކުރިއަށް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މެންދުރު 13:00 އަށެވެ. މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މުޅި ރާއްޖެއަށްވެސް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.