ޚަބަރު

ބިންވެރިޔާ ސްކީމްގެ ތަހުޤީގާއި ގުޅޭގޮތުން އެޗްޑީސީއާއި ފުލުހުންގެ އިސްވެރިން މަޝްވަރާކުރައްވައިފި


  • އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ބައްދަލުކުރައްވާފައި

ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުޤީގާއި ގުޅޭގޮތުން އެޗްޑީސީއާއި ފުލުހުންގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދަވާފައިވަނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމަކީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފުވެވަޑައިގަތުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އަދި މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ހިނގަމުންދާ ތަހުގީގާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުޤީގާއި ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިންވެސް ވަކިކޮށްފައެވެ. އަދި ބައެއް މީހުން ރާއްޖެއިން ފުރުން މަނާކޮށް ވަނީ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާއި ގުޅޭ މައްސަލަތަކެއް މިފަހުން ފެންމަތިވީ އެ ސްކީމްތަކުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯއްޗާއި ފްލެޓް ލިބުުނުކަމުގެ ލިޔުން ދީފައިވާ މައްސަލައަކާއި ގުޅިގެނެވެ.