ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 67 އެޕްލިކޭޝަން


  • މި މައުރަޒު ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި

  • އެކިއެކި ދާއިރާތަކުން ދިވެހިންގެ އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ލިބޭނެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް މިހާތަނަށް 67 އެޕްލިކޭޝަން ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބީސީސީއާ ގުޅިގެން ކުރިއަށް ގެންދާ މައުރަޒެކެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.

މި މައުރަޒާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް މި މައުރަޒުގައި ބައިވެރިވުމަށް 67 ފަރާތަކުން 93 ޕްރޮޑަކްޓް ހުށައަޅާފައިވާކަމަށް ބީސީސީން ވިދާޅުވެއެވެ. އަދި މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވެސްވަނީ ހުޅުވާލާފައެވެ. މިމައުރަޒުގައި އެކިއެކި ދާއިރާތަކުން ދިވެހިންގެ އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މިއީ ދިވެހިންގެ އުފެއްދުންތެރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މައުރަޒާ ގުޅޭގޮތުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވާދަވެރި ގޮތެއްގައި ބޭއްވޭ މައުރަޒަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިމައުރަޒުގެ ތެރެއިން ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތައް ކުރިއަށްދާނެއެވެ.

ޒިޔާއު ވިދާޅުވީ މި މައުރަޒް ވެގެންދާނީ ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތަކާއި އެހެން ވިޔަފާރިތަކާއި ގުޅުވާލަދޭ އަދި ފަންނުވެރިންނާއި ވިޔަފާރިތަކާއިވެސް ގުޅުވާލަދޭނެ ބޮޑު މައުރަޒަކަށްކަމަށެވެ.