މިދައުރުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ޞިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒްކުރައްވަންކަމަށެވެ. އަދި ރާއްޖޭގައި އެތައް އަހަރެއްގައި ކަރުދާހުން ހުރި އާކައިވް ޑިޖިޓަލައިޒްކުރެވި ޑިޖިޓަލް އަރކައިވްއަކަށް ހަދަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2040އާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ޑިޖިޓަަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
" ޑިޖިޓަލް ދާއިރާއިން އަޅުގަނޑުމެންގެ އިޤްތިސާދު ފުޅާކުރަން ބޭނުން. އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ތަރައްޤީކުރަމުން ގޮސް އެންމެ މަދުވެގެން %15 އަޅުގަނޑުމެންގެ ޖީޑީޕީއަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީންކަމަށް. އެއީ ބްރޯޑަރ ޕޮލިސީ. ބްރޯޑަރ ވިޝަން. 2040އާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ޑިވެލޮޕް ކަންޓްރީއަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަރޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އޭއައި މާސްޓަރ ޕްލޭނެއް ހެދި ޤައުމު ތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިދަތުރުުފުޅުގައިވެސް އެސްޓޯނިއާއިން މިކަންކަން ކުރާގޮތްތައް އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ. އެސްޓޯނިއާއިން ކުރިއަށް އޮތްތާނގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށާއި އެއީ ބޭނުންވާ މިސްރާބުން ޤައުމު ގެންގޮސް އެމަޤްސަދު ހާސިލްކުރުމުގައި ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މިއަހަރުތެރޭގައި ޚާއްސަގޮތެއްގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރި ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް، ތައުލީމީ ދާއިރާ، ސިއްޙީ ދާއިރާ އެއްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3، 4 އަހަރުތެރޭގައި ބޭނުންވާ ގޮތަށް ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އެކަމުގައި އަޅުގަނޑަށް ޔަޤީން ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ. އެއީ މީގަ އެންމެ މުހިންމު ތަންކޮޅަކީ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ އެއްބާރުލުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ޖުމްލަކޮށް ހުރިހާ ޕަބްލިކް ސަރވިސް ޚިދުމަތްތަކެއް ޑިޖިޓަލައިޒްވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކީގައި މިދައުރުގެ ބާކީ އޮތް އަހަރުތަކުގައި މިކަން ހާސިލްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒުކުރާނަމަ އެންމެ މުހިންމު ކަމެއް ދޭންޖެހެނީ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށްކަމަށެވެ. މިދެދާއިރާއިންވެސް އެސްޓޯނިއާގައި ކަންކަން އޮތީ ވަރަށް ފުރިހަމައަށް ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް އެސްޓޯނިއާއަކީ ބަލިތަކުން ދިފާޢުވުމަށް ޕްރިވެންޓިވް ހެލްތު ކެއަރގެ ދާއިރާއިން ދުނިޔޭގައިވެސް އެންމެ ކުރިއެރުން ހޯދާފައިވާ އެއްޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.