ޚަބަރު

މިފްކޯއަށް މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި


  • އެމްޕީއެލް ބަނދަރުގައި ގިނަ ކޮންޓެއިނަރ ބެހެއްޓުމަށް ޖާގައިގެ ދަތިކަން އެބަހުރި

  • މިފްކޯގެ ހުށަހެޅުމަކީ މިފްކޯ ބަނދަރުތަކުން ސީދާ އެކްސްޕޯޓު ކުރުން

ރާއްޖެއިން ބޭރަށް ކަނޑުމަސް އެކްސްޕޯޓް ކުރުމުގައި މިފްކޯއަށް ދިމާވާ ދަތިތައް ހައްލުކުކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއާއިއާއި ކަމާއި ގުޅުންހުރި ކުންފުނިތަކާއެކު މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި މިފްކޯގެ އިތުރުން، އެމްޕީއެލް އަދި އެމްއެސްއެސްއިން ވަނީ ބައިވެރިވެފައެވެ.

މަސް އެކްސްޕޯޓު ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް، މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޮފް އިތުރުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އަދި އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމަށް މިފްކޯއަށް ދިމާވާ ގޮންޖެހުންތައް މި ބައްދަލުވުމުގައި އެކުންފުނިން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން މިފްކޯއިން ވިދާޅުވީ އެކުންފުނިން އެކްސްޕޯޓު އޮޕަރޭޝަން މިހާރަށްވުރެ ބޮޑަށް ފުޅާކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރު ބޭރުކުރެވޭ ކޮންޓެއިނަރަށް ވުރެ އިތުރަށް ކޮންޓެއިނަރ ބޭރުކުރުމަށް އެމްޕީއެލް ބަނދަރުން ރީފަރ ކޮންޓެއިނަރ ބެހެއްޓުމުގައި ޖާގައިގެ ދަތިކަން ހުރިކަމަށެވެ.


މިފްކޯއިން ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެކްސްޕޯޓްކޮށްގެން ބޭންކިން ނިޒާމަށް ޑޮލަރު ވައްދާ މައި ކުންފުންޏަށް މިހާރު އެކުންފުނި ވެގެން ގޮސްފައިވާއިރު، މަސް އެކްޕޯޓު ކުރުމުގެ އޮޕަރޭޝަން ވީހާވެސް ފަހިގޮތަކަށް ފުޅާ ކުރަން ޖެހެއެވެ. އަދި މިކަމަށް އަވަސް ހައްލެއް ގެނައުމަށް އެހެން ގޮތްތަކެއް ހޯދުމަށް ކުންފުނިތަކާއެކު މަޝްވަރާކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މިކަމުގެ ދައިމީ ހައްލެއްގެ ގޮތުގައި މިފްކޯއިން ވަނީ، މިފްކޯގެ ބަނދަރުތަކުން މަސް އެކްސްޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހަޅުއްވާފައެވެ. އަދި މިކަމުގައި އެމްޕީއެލް ކަސްޓަމްސް އަދި އެމްޓީސީސީގެ އެހީތެރިކަން ބޭނުންވާއިރު، މަސްވެރިކަމާ ބެހޭ ވަޒީރުވެސް މިކަމުގެ މަޝްވަރާތައް ވުޒާރާ މެދުވެރިވެގެން ކުރިއަށް ގެންދިއުމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. މިފްކޯގެ މި ހުށަހެޅުމަށް ވަޒީރުވެސް ތާޢިދު ކުރައްވާފައިވާކަން އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން މީގެ ކުރިން ކުރަމުން އައީ ބޭރުގެ ބޯޓުތައް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހު މިފްކޯއާއި ޤައުމީ އާގުބޯޓު ކުންފުނި އެމްއެސްއެސްއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި އޮޕަރޭޝަން މިހާރު ކުރިއަށް ގެންދަނީ އެމްއެސްއެސްގެ ބޯޓުތަކުގައެވެ. އެގޮތުން މިފްކޯގެ ބަނދަރުތަކުން މަސް ނަގައިގެން މާލެ ބަނދަރުން އެމްއެސްއެސް ފީޑަރ ބޯޓުތައް މެދުވެރިކޮށް ޤައުމުތަކަށް މަސް ދަނީ އެކްސްޕޯޓު ކުރަމުންނެވެ.

ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމުގެ އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިވަގުތު އެންމެ ގިނައިން މަސް އެކްސްޕޯޓު ކުރަމުންދަނީ ތައިލޭންޑަށާއި އިންގިރޭސިވިލާތަށެވެ. އަދި ދާދި ފަހުން ޢަމަލުކުރަން ފެށި ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާ ބާޒާރަށް ޑިއުޓީއަކާއި ނުލާ މަސް ބޭރުކުރުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. މިއާއެކު މަސްވެރިކަމުން ސިނާޢަތުން ލިބޭ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.