މިހާތަނަށް އެއްވެސް މީހަކަށް ސިޔާސީގޮތުން އަދަބެއް ދެއްވާފައިނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ހއ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަ ބައެއް ކަމަށާއި ޚިދުމަތް ދިނުމުގައިވެސް ޚިޔާލުތަފާތުވުމުގެ ސަބަބުން ތަފާތެއް ނުކުރައްވާނެ ކަމަށެވެ. ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވާއިރު ޙައްގު އެންމެ ފުރިހަމަ މިނުގައި ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވީ ޤައުމުގައި ހަމަޖެހުން އޮތުމަށް ކަމަށާއި ކުރީ ސަރުކާރުތަކުގައި ސިޔާސީގޮތުން އަދަބު ދިންނަމަވެސް މި ސަރުކާރުގައި މިހާތަނަށް އެއްވެސް މީހަކަށް ސިޔާސީގޮތުން އަދަބު ދެއްވާފައިވާ ނުވާނެ ކަމަށެވެ. އަދި ސިޔާސީގޮތުން އަނިޔާވެރިވެ އެކަހެރި ކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށާއި ޚިޔާލުފާޅުކުރުމުގައިވެސް ރިވެތި އަޚްލާގު އިސްކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
"ކިތަންމެ އެއްޗެއް އަޅުގަނޑާ ދިމާލަށްވެސް ސަރުކާރާ ދިމާލަށްވެސް ކިޔުމަކީ މައްސަލައެއް ނޫން. އެހެން ނަމަވެސް މިއީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ގާއިމުވެފައިވާ ޤައުމެއް ވީމާ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ހަމަތައް އެއީ އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަންކަން. ރިވެތި އަޚްލާގު އިސްކުރަންޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަދައްކަންޖެހޭނެ. ކޮންމެ ރައްޔިތަކީވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލުކުރަންޖެހޭނެ. ކޮންމެ މީހެއްގެވެސް އަބުރެއް އޮތްކަން ގަބޫލުކުރަންޖެހޭނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީގޮތުން ޚިޔާލުތަފާތުވުމަކީ އަނެކާ ނިކަމެތިކޮށްލާ ކުޑައިމީސްކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޤައުމަށް ކުރިއެރުން އަންނާނީ އެންމެން ގުޅިގެން ރިވެތި އަޚްލާގާއެކު ޤައުމީ ވިސްނުމެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ.
ޤާނޫނަކުން މަނާނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްގު ރައްޔިތުންނަށް އޮންނާނެ ކަމަށާއި މި ސަރުކާރުން ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.