ޚަބަރު

އެސްޓީއޯގެ ލުނބޯ ޝިޕްމަންޓް ރާއްޖެއަށް، ދަތިކަމެއް ނެތި މުދާ ލިބޭނެ އިންތިޒާމު ދަނީ ހަމަޖައްސަމުން


  • ޝިމާދު ވިދާޅުވީ އަގު މައްޗަށްދާ ބާވަތްތައް ދެނެގަންނަމުންދާކަމަށް

  • ޑިމާންޑު ބޮޑުވާ ބައެއް ތަކެތި ނެރުމަށް ދަނީ މަސައްކަތް ކުރަމުން

އަންނަ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން އަންނަކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެއްޗަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. އެހެންކަމުން ބާޒާރުގައި މުދާ ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު ވިދާޅުވީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުން އަންނަކަމަށް ޝިމާދު ވިދާޅުވިއެވެ. އެސްޓީއޯއިން ގެންނަ މުދާތަކުގެ ތެރެއިން ލުނބޯގެ ފުރަތަމަ ޝިޕްމަންޓް މިހާރު ލިބިފައިވާކަމަށް ޝިމާދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުންވެސް ޑިމާންޑު ބޮޑުވާ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހޭނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދޭނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި ތަރުކާރީއާއި މޭވާއާއި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާތަކެތި ހިމެނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް ރަމަޟާން މަހުވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަކަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް ވިދާޅުވެފައެވެ.