ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މުޅި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.
ހުޅުމާލޭ ސާފުކުރުމަށް ކުރިއަށްގެންދާ މި ހަރަކާތަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވިދާޅުވީ، މިވަގުތު ހުޅުމާލޭގެ އެކިއެކި ސަރަހައްދުތަކަށް، ޚާއްސަކޮށް ކުނިތައް ނަގާ ސާފުކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގައި ގިނައިން ކުނި ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރުން ކުރިއަށްދާނެކަމަށެވެ.
"ރޯދަ ސާފު"ގެ ނަމުގައި އެޗްޑީސީން ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ އިތުރުން ހުޅުމާލޭގައި ގާއިމްވެފައިތިބި ސަރުކާރުގެ މުއައްސަސާތަކަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެފައިވެއެވެ. ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހަރަކާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ހުޅުމާލޭ ޗެނަލް ފާކުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ސާފުކުރުމުގެ ހަރަކާތުގެ އިތުރުން އެޗްޑީސީއިން ވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމުގެ ގޮތުން "އެއްގެއިން އަނެއްގެއަށް" ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތަކީ ރަމަޟާންމަހާއި ދިމާކޮށް އިސްރާފުކުރުން މަދުކުރުމާއި ރަށްވެހިކަމުގެ ގުޅުން އާލާކުރުމުގެ މަޤްސަދުގައި، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ވަނަދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ.
މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ބައެއް މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުންވެސް ވަނީ މާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ "ރޯދަ ސާފު"ގެ ނަމުގައި ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ. 5 ސަރަހައްދަކަށް ބަހާލައިގެން ސާފުކުރުމުގެ މި ހަރަކާތުގައި 40 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.