ޚަބަރު

ރޯދަ ބަދިގެ: "ބާމިޔާ އެންޑް ބީފް ގްރޭވީ"


  • މިއީ ޞިއްޙަތަށް ފައިދާހުރި ޢަރަބިކް ޑިޝްއެއް

  • ތަރާވީޚާއި ހާރުދަމަށްވެސް ރަނގަޅު ކެއުމެއް

"ރޯދަ ބައިގެ" ގައި މިއަދު ކިޔައިދޭނީ ބާމިޔާ ތޮޅިއާއި ގެރިމަސް ބޭނުންކޮށްގެން ހިކި ރިހައެއް ތައްޔާރުކުރާނެ ގޮތެވެ. މިއީ ޢަރަބިކް ޑިޝްއެކެވެ.

ބާމިޔާ ތޮޅި ނުވަތަ ލޭޑީސް ފިންގަރއަކީ ގިނަ ގެތަކުގައި އާއްމުކޮށް ކެއުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތެއް ނޫނެވެ. ނަމަވެސް މިއީ ސިއްޙަތަށް ފައިދާހުރި އަދި ރަހަ މީރު ބާވަތެކެވެ.

ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

• ބާމިޔާ ތޮޅި
• ގެރިމަސް (ރިހަޔަށް ކޮށާވަރަށް ކުދިކޮށް ކޮށާފައި)
• އަސޭމިރުސް މުގުރާފަ
• ލޮނު
• ކޮރިއަންޑަރ ޕައުޑަރ
• ފޮނިތޮށި މުގުރާފަ
• ދިރި މުގުރާފަ
• ލުނބޯ ހުތް
• ޓޮމާޓޯ ޕޭސްޓް
• ޕެޕްރިކާ
• ޓޮމާޓޯ
• ފިޔާ
• ލޮނުމެދު
• ހިކިމިރުސް ރާޅުކޮށް މުގުރާފަ
• ފްރެޝް ކޮރިއަންޑާ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ، ކޮށާފައި ހުރި ފިޔާކޮޅާއި ލޮނުމެދުކޮޅު ތެޔޮކޮޅެއް ތެރޭ ރަނގަޅަށް މިލުވާލާނީއެވެ. އެއަށްފަހު އޭގެތެރެއަށް ބީފްކޮޅު އަޅާ ރަނގަޅަށް ރޯފިލުވާލާނީއެވެ.

މަތިޖަހައިގެން ދިހަވަރަ މިނެޓު ކައްކާލުމަށްފަހު، ހަވާދުގެ ބާވަތްތައް އަޅާނީއެވެ. ކޮރިއަންޑާ ޕައުޑަރ، މުގުރި ފޮނިތޮށި، ދިރި، ޕެޕްރިކާ، ރާޅުކޮށް މުގުރާފައި ހުރި ހިކިމިރުސް އަދި ޓޯމާޓޯ ޕޭސްޓް އަޅައިގެން އަނެއްކާވެސް ކައްކާލާނީއެވެ.

އެންމެ ފަހުން ފްރެޝް ކޮރިއަންޑާ އަދި ކުޑަ ލުނބޯ ހުތްކޮޅެއް އަޅާލުމަށްފަހު އެއްކޮށްލާ، ރަނގަޅަށް ކައްކާލާނީއެވެ. ދިހަވަރަކަށް މިނެޓު ކައްކާލުމުން، ހުންނާނީ ތައްޔާރުވެފައެވެ. މިއީ ބަތާ ނުވަތަ ރޮއްޓާއެކުވެސް ކެއުމަށް ބޭނުންކުރެވޭނެ ކެއުމެވެ.

މިއީ ސައިޑް ޑިޝްއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކެއުމެކެވެ. ރަމަޟާންމަހު މިފަދަ ކެއުމެއް އެންމެ ރަނގަޅީ ތަރާވީހު ދަމަށެވެ.

"ރޯދަ ބަދިގެ" ގެނެސްދެނީ ހުޅުލެ އައިލެންޑް ހޮޓެއްލްގެ އެހީތެރިކަމާއެކުއެވެ.