ޚަބަރު

"އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރޯދަ ހަދިޔާ ބަހައި ނިންމުން"


  • ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ބަހަނީ މަސް ދަޅު ކޭސް

  • މިހާރު ނުފޮނުވިވާ ހުވަދު އަތޮޅުގެ ރަށްރަށަށް މާދަމާ މަސްދަޅު ކޭސް ފޮނުވާ ނިމޭނެ

އަމާޒަކީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ދޫކުރާ މަސްދަޅު ކޭސްތައް ބަހައި ނިންމުންކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ މިހާރު ރޯދަ ހަދިޔާ ނުފޮނުވިވާ ހުވަދު އަތޮޅު އުތުރުބުރިއާއި އެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ރޯދަ ހަދިޔާ ފޮނުވުމުގެ މަސައްކަތް މާދަމާ ކުރިއަށްދާނެކަމަށެވެ. މިއާއެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް ރޯދަ ހަދިޔާ ފޮނުވައި ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެއާއެކު މަސްދަޅުކޭސް ބެހުމުގެ މަސައްކަތް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒުކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މާލޭގައިވެސް ކުރިއަށްގެންދާއިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި މި ރަމަޟާން މަހު ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދަނީ ރޭގަނޑު 9:30 އިން 11:30 އަށެވެ. ރޯދަ ހަދިޔާ ބެހުން މާލޭގެ 5 ސަރަޙައްދުގައި ކުރިއަށްދެއެވެ. ރޯދަ ހަދިޔާ ބަހަނީ ޓޯކަން ނިޒާމެއްގެ ތެރެއިން، ހަދިޔާ ބަލާ ހާޒިރުވާންޖެހޭ ތަނާއި ގަޑި އެމީހަކަށް ދުރާލާ އިނގޭނެގޮތަށެވެ. މިފަހަރު ރޯދަ ހަދިޔާ ބަހަނީ ކޮންމެ ގޭބިސީއަކަށެވެ.

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކޮންމެ ރަމަޟާން މަހަކުވެސް ދޭން ފައްޓާފައިވާ ހަދިޔާއެކެވެ. އެގޮތުން މި އަހަރު ބަހަމުން އަންނަނީ މަސްދަޅު ކޭހެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ އަހަރު ބަހާފައިވަނީ ކާޑުގެ ބާވަތްތަކެވެ.

މީގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުވެސް ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓްދޭން ސަރުކާރުން ވަނީ ނިންމަވާފައެވެ.