މާލޭގެ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި ގެއަށް ގެއްލުންދިން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތައް ބުރދައްކައި އިންޒާރު ދީފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ގެއަށް ރޭގެ ދަންވަރު 12:45 ހާއިރު ހަތަރު މީހަކު ވަދެ ގެއަށް ގެއްލުން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކުށުގެވެށިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރީތިހިޔާ، އއ. މާޅޮސް، އުމުރުން 23 އަހަރުގެ މުޙައްމަދު އަފްލާޙާއި އެލަސް، ނ. ވެލިދޫ، އުމުރުން 21 އަހަރުގެ އިބްރާހިމް އަޙްނަފާއި ހަވޭލި، ނ. މަނަދޫ، އުމުރުން 23 އަހަރުގެ މުޙައްމަދު އަޛާން އަދި ފަޒާ، ތ. ގުރައިދޫ، އުމުރުން 21 އަހަރުގެ ޢަލީ ނަވާފުއެވެ.
ފުލުހުން ވިދާޅުވީ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.