ޚަބަރު

ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި


  • ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތް ނިމިގެންދާނީ އާމްދަނީ ހޯދުމުގެ ސިޔާސަތާ އެއްގޮތަށްކަަމަށް

  • ތާރީޚީ ގިނަ ކަންތައްތަކެއް ހުރިނަމަވެސް އަޅާނުލާ ދޫކޮށްލާފައި އޮތްކަން މެންބަރު ފާހަގަކުރެއްވި

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫޙެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާނެ ކަމެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ދިވެހިންގެ ޘަޤާފަތާއި ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކާ ކުރާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން ކުރާ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ނިމިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވާ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމާއި، ނެޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށްކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާ ޣާޒީ ބަންޑާރައިންގެ އާސާރުތަކުގެ އަސްލު ނުގެއްލޭ ގޮތަށް ހިމާޔަތްކުރުމަށާއި، މާއްދީ އެހެން ތަރިކަތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ހއ. އުތީމު ތަކަންދޫ ބާރަށް ހިމެނޭހެން ތަރައްޤީކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި ތަރިކައިގެ ދާއިރާއިން މިހާތަނަށް ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ.

"ދިވެހިންގެ ތަރިކައަކީ ކޮންމެ ރަށެއްގައިވިޔަސް ދިވެހިންގެ މާނަ، ދިވެހިންގެ ސިފަ ރަމްޒުކޮށްދޭ އެއްޗެއްކަމަށް ވެގެން ދިޔުން. މާނައަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ވާހަކަތައްކަމަށްވިޔަސް އަދި އަޅުގަނޑުމެންގެ ތަކެތިކަމަށްވިޔަސް، އެތަކެތި ބޭނުންކުރާގޮތް ކުރިއަށްއޮތްތަނުގައި މި މަޝްރޫޢުތަކުގެ ތެރޭގައި ހުށަހަޅާގޮތުން މިދެންނެވި ސިފަ އެއަށް ލިބިގެން އައުން. މިކަން ހާސިލްވާނެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ" ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ.

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރުމާ ގުޅިގެން އެދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވީ ކެލާގައި ތާރީޚީ ގިނަ ކަންތައްތަކެއް ހުރިނަމަވެސް އެކަންކަމަށް އަޅާނުލާއޮތްތާ އެތަކެއް ޒަމާންތަކެއް ވެއްޖެކަމަށެވެ. ނަމަވެސް މި ސަރުކާރުން އެތަން ތަރައްޤީކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ. އޭނާ ވަނީ މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ކެލާގައި ހުރި ކަންކަން މި 5 އަހަރުގެ ތެރޭގައި ހައްލުކުރާނެކަމަށް ވިދާޅުވެފައެވެ.

"މި ހުސްވި ސަރުކާރުގައިވެސް މިތަން ތަރައްޤީކުރުމަށް ވަރަށް ބޮޑު މަޝްރޫޢެއް 3ޑީ މޮޑެލްއަށް ހަދައިގެން ސޮއިކުރެވުނު. ނަމަވެސް އެކަމުން ފެނުނު ނަތީޖާއެއް ނެތް. މިއަދުވެސް އެއޮތް ބޮޑު ސަޤާފީ ތަރިކައިގެ ގޮތުގައި ހުރި ތަން ބޭނުން ކުރަނީ ގުދަނެއްގެ ގޮތުގައި. އެއީކީ މި ސަަަރުކާރުން ކުރާނެކަމެއް ނޫން. " ކެލާ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ މި މަސައްކަތުގެ ދަށުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަފިލުވައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކުރައްވާފައެވެ.

ރާއްޖޭގެ ތާރީޚުގައި ހިމެނިފައިވާ ޤައުމިއްޔަތާއި ގުޅުންހުރި ބިނާތަކާއި އާސާރުތައް ޒަމާނާ އެއްގޮތަށް ދިރުވާ އާލާކުރުމުގެ ޤައުމީ މަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.