ޚަބަރު

އައްޑޫ ސިޓީއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި، ދާއިމީ ހައްލުވެސް ހޯދަނީ


  • ޖަނަރޭޓަރު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ ސިޓީއަށް ބަނދަރު ކޮށްފައި

  • 48 ގަޑިއިރުތެރޭ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ދަނީ މަސައްކަތް ކުރަމުން

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 19 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމުގެ ސަބަބުންނެވެ. މިއާއެކު އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ. އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ އައްޑޫ ސިޓީއަށް މީގެ ކުރިންވެސް ޖަނަރޭޓަރު ފޮނުވާފައެވެ. އެގޮތުން، މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެސިޓީއަށް 3 ޖަނަރޭޓަރު ފޮނުވާފައިވެއެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އިންޑިއާއިން އައު ޖަނަރޭޓަރެއް ގެނެސް އައްޑޫ ސިޓީއަށް ފޮނުވާފައެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނައި 1.8 މެގަވޮޓްގެ އައު ޖަނަރޭޓަރު ގެންދިޔަ ދޯނި މިހާރު އައްޑޫ ސިޓީއަށް ބަނދަރު ކޮށްފައިވާ ކަމަށެވެ.

ޖަނަރޭޓަރު އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 48 ގަޑިއިރުތެރޭ ޖަނަރޭޓަރު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ. ފެނަކައިން ވަނީ ކަރަންޓުގެ ކެނޑުމުގެ ތަކުލީފުތަކާއެކު ވެސް، އައްޑޫ ސިޓީގެ ރައްޔިތުން ކެތްތެރިކަން އިސްކޮށް ދައްކާ ނަމޫނާއާއި، މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

އައްޑޫ ސިޓީގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް 19 ޖަނަރޭޓަރު ބޭނުންކުރެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން 3 ޖަނަރޭޓަރު ހަލާކުވުމުން މަރާމާތުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ނަޖާހު ވިދާޅުވީ ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން 1 ޖަނަރޭޓަރު މިހާރު ހަަދާފައިވާކަމަށާއި މާދަމާ އެ ޖަނަރޭޓަރުވެސް ބޭނުން ކުރަން ފެށޭނެކަމަށެވެ. އައްޑޫ ސިޓީގައި މިހާރު ބޭނުން ކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން އެންމެ ބޮޑު ޖަނަރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫ ސިޓީގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެއަށް ވުރެ ކުދި ސައިޒުގެ ޖަނަރޭޓަރުތަކެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލުތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އަންނައިރު މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައާއި ރައީސް އޮފީހުގެ އިތުރުން ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި އެކަމުގެ މަޢުލޫމާތުތައް ވަރަށް އަވަހަށް އާންމުކުރާނެކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ. ނަމަވެސް ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.