ޚަބަރު

އާރްޓީއެލް މުޅި ރާއްޖެއަށް ފުޅާކުރުމަށް ފެރީ ބަންނާނެ އިތުރު ކުންފުނިތައް ދަނީ ހޯދަމުން: ވަޒީރު އަމީން


  • މިހާތަނަށް 9 އަތޮޅެއްގައި ވަނީ ޚިދުމަތް ފަށާފައި

  • ޖުލައިގައި ރ އަދި ބ އަތޮޅުގައި ޚިދުމަތް ފަށާނެ

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފެށުމަށް، އެކަމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންދާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއީ ދަތުރުފަތުރުގެ ދާއިރާގައި މިވަގުތު އެންމެ އިސްކަންދީގެން ކުރަމުންދާ އެއް މަސައްކަތްކަމަށެވެ. އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް ވަނީ އުތުރުން 4 އަތޮޅު، އެންމެ ދެކުނުން 4 އަތޮޅު އަދި ޅ.އަތުގައި ފަށާފައެވެ. އެންމެ ފަހުން ޚިދުމަތް ފެށި ނ. އަތޮޅުގައި ޚިދުމަތް ފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާ މަދަނީ އުފުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، އާރްޓީއެލްގެ މުޅި މަޝްރޫޢު ފަރުމާކޮށްފައި އޮތީ 2027 ވަނަ އަހަރަށް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމަށް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅި ރާއްޖެއަށް ފެށުމަށް މަސައްކަތް ކުރެއްވުމަށް ނިންމަވާފައިކަމަށެވެ.

މީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާއިރު، އެންމެ އަވަހަށް ދެން މި ޚިދުމަތް ފަށާނީ ރ އަދި ބ އަތޮޅުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނ. އަތޮޅުގައި އަޅުގަނޑުމެން މިވަނީ ޚިދުމަތް ފަށާފައި. ދެން ހިމެނޭ ރ އަތޮޅު އަދި ބ އަތޮޅުގައި ޖޫން މަހު ޚިދުމަތް ފަށާނަން." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޚިދުމަތަށް ބަންނަ އުޅަނދުތަކަކީ ވަކި މިންގަނޑަކަށް ބަންނަ އުޅަނދުތަކަކަށްވުމާއެކު، އެކަމަށް ވަގުތު ނަގާކަމަށެވެ. އެހެންކަމުން މި މަސައްކަތް އަވަސްކުރުމަށް، އިތުރު ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް އެކަމަށް ހުރި ފުރުޞަތުތައް ބަލަމުންދާކަމަށެވެ. މިހާތަނަށް ފެރީތައް ބަނދެފައިވަނީ ގަލްފް ކްރާފްޓް އަދި އަލްޝާލީ މެރިންއާއި ހަވާލުކޮށްގެންނެވެ.

"ލޯންޗުތައް ބަންނަނީ ވަކި މިންގަނޑަކަށް، އުޅަނދުތައް ބަނުމުގައި އެބަހުރި ލިމިޓޭޝަންތަކެއް. އެހެންވީމަ އަވަހަށް މަސައްކަތް ކުރިއަށްގެންދިއުމަށް ރާއްޖެއިން ބޭރުން، އުޅަނދުތައް ބަދެވޭނެ ފުރުޞަތުތައްވެސް މިދަނީ ބަލަމުން. މަސައްކަތް މިކުރަނީ ރައީސްގެ ވަޢުދާ އެއްގޮތަށް މިއަހަރު ހުރިހާ އަތޮޅެއްގައި ޚިދުމަތް ފެށުމަށް." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މިވަގުތު މި ޚިދުމަތުގައި 26 ފެރީ ދަނީ ބޭނުންކުރަމުންނެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް 70 އަށްވުރެ ގިނަ އުޅަނދު ބޭނުންވެއެވެ. މިއީ 50 މީހުންގެ ޖާގައިގެ ޒަމާނީ ހައި ސްޕީޑް ލޯންޗްތަކެކެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. އެންމެ ފަހުން މި ޚިދުމަތް ފެށި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދެއެވެ. މިއާއެކު ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.