ހުސްވި އަހަރުގެ ޑިސެންބަރު މަހަށް ފަހު ސޫރިޔާގެ ބަނދަރުމަތީ ރަށް ލަތާކިޔާއަށް ފުރަތަމަ ފަހަރަށް ގޮވާމުގެ ޝިޕްމަންޓަކާ އެކު ދަތުރު ކުރި އާގުބޯޓެއް ބަނދަރު ކޮށްފިއެވެ. މިއީ، ޑިސެމްބަރު މަހުގެ 8ވަނަ ދުވަހު ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލި ފަހުން އެ ސަރަޙައްދަށް ގޮވާމުގެ ބާވަތްތައް ފޯރުކޮށްދީފައިވާ ފުރަތަމަ ފަހަރެވެ.
އަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި އޮތީ ނިރުބެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސެ)ވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. ރައީސަކީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
ޝަރާޢުގެ ސަރުކާރުން ބުނީ، އެ ޤައުމަށް ގޮވާމުގެ ބާވަތްތައް އެތެރެ ކުރުމަށް އޮތް ހުރަސްތައް އެކުވެރި ދައުލަތްތައް (އދ) އަދި އެމެރިކާއިން ލުއިކޮށްދީފައިވާ ކަމުގައެވެ. ނަމަވެސް، ބޭރު ޤައުމުތަކާ އެކު ވިޔަފާރީގެ މުޢާމަލާތު ހިންގުމަށް އެޗްޓީއެސްގެ ސަރުކާރަށް އޮތް ގޮންޖެހުންތައް ގިނައެވެ.
ސޫރިޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ އިދާރާއިން ބުނީ އެންމެ ފަހުން ލަތާކިޔާ ބަނދަރަށް އެތެރެ ކޮށްފައި ވަނީ 6,600 ޓަނުގެ ގޮވާން ކަމުގައެވެ. މަޞްދަރުތަކުން ބުނީ، ސޫރިޔާއަށް ގޮވާމުގެ ބާވަތްތައް ފޯރުކޮށްދީފައި ވަނީ ރަޝިޔާއިން ކަމުގައެވެ.
"މިއީ [ސޫރިޔާއާ] ބޭރު ދުނިޔެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ރަނގަޅުވަމުންދާ ކަމުގެ ނިޝާނެއް،" ސޫރިޔާގެ އިދާރާއިން ބުންޏެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޤައުމަށް ކާބޯތަކެތީގެ އިތުރު ޝިޕްމެންޓުތައް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.