ޚަބަރު

ތިނަދޫ ސިޓީ ކައުންސިލުން 200 ހައުސިންގ ޔުނިޓް ދޫކުރަން އިޢުލާންކުރީ ހުއްދަނެތި: ގެދޮރުވެރިކަމާބެހޭ ވުޒާރާ


  • ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތަކަކީ ވުޒާރާގެ މެންޑޭޓެއް

  • ހައުސިންގ ޔުނިޓުތައް ދޫކުރުމަށް އިޢުލާންކުރީ ވުޒާރާގެ ހުއްދަ ނެތި

ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓް ދޫކުރަން ތިނަދޫ ސިޓީ ކައުންސިލުން އިޢުލާންކުރީ ހުއްދަ ނެތި ކަމަށާއި އެ އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައި ނުގަންނާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ވުޒާރާގެ މެންޑޭޓްގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރަމުންގެންދާކަމާއި، އޭގެ ތެރެއިން، ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީވެސް އެގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އެންޑޯސްކޮށް ހުއްދަ ލިބިގެންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި ތަރައްޤީކުރަމުންދާ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް އިޢުލާންކުރީ ވުޒާރާގެ ހުއްދައެއް ނެތި ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާތިލުކުރުމަށް ޖެނުއަރީ 30ވަނަ ދުވަހު ކައުންސިލަށް އަންގާފައިވާނެ ކަމަށާއި ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް ހުށަހެޅުމަށްވެސް އަންގާފައިވާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށް ތިނަދޫ ސިޓީ ކައުންސިލުން އެ އެންގުމާއެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީ ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނަ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާއިރު އެ ސިޔާސަތު ތަންފީޒުކުރުން މަތިކޮށްފައިވަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއާއެވެ. އެގޮތުން، އެ ވުޒާރާގެ މެންޑޭޓްގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުން ވަނީ ހިމަނުއްވާފައެވެ.