ޚަބަރު

މެލޭޝިއާގެ އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވައިފި


  • އެމަނިކުފާނަށް މި ޝަރަފު އެރުވީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

  • ރައީސް މުޢިއްޒަކީ އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށް އެ ޔުނިވަރސިޓީން ވިދާޅުވޭ

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ.

އައިއައިޔޫއެމްއިން އެ ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ އެމަނިކުފާނު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނަށް އެ ޝަރަފު އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މި ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

އައިއައިޔޫއެމްއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއްވިއެވެ.

އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. އެގޮތުން 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން ވިދާޅުވެއެވެ.