ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރާ 50 ކައުންސިލް އިދާރާ އައު އިމާރާތްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެކަމަށްޓަކާ ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ލެޓަރ އޮފް އެކްސްޗޭންޖުގައި މިއަދު ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެވެ.
މިއީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލް، ޗައިނާ ސަރުކާރުން އެޕްރޫވްކުރުމަށްފަހު، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ދެ ޤައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުމެކެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލް އިދާރާއެއްގެ އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް މި މަޝްރޫޢަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ސަރުކާރާގުޅިގެން ކުރިއަށްގެންދާނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ފަރާތުންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދެވޭ މަޝްރޫޢެއްކަމުން، މަޝްރޫޢު އެވޯޑްކުރުމާ ހަމައަށް ފުރިހަމަކުރަންޖެހޭ މަރުހަލާތަކެއް ހުންނަކަމަށެވެ.
އެގޮތުން މިއަދު މިވެވުނު އެއްބަސްވުމާއެކު މަޝްރޫޢުގެ ޓެކްނިކަލް ޑީޓެއިލްސްތަކުގެ މަސައްކަތްތައް ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޗައިނާ ސަރުކާރާ އެއްކޮށް މީގެ ޑިޒައިން އަދި އެހެން ޓެކްނިކަލް ޑީޓެއިލްސްތައް ވޯކްއައުޓްކުރުމަށްޓަކާ ކޮންސްޓްރަކްޝަން މިނިސްޓްރީން މަސައްކަތް މިކުރަނީ. އެގޮތުން މިހާރު މި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖާއެއްކޮށް އޭގެ ޓެކްނިކަލް ޑީޓެއިލްސްގެ މަސައްކަތްތަކެއް ކުރެވޭނެ. އެއާއެއްކޮށް ކޮންސަލްޓަންޓެއް އައްޔަންކުރެވި ޑިޒައިން މަސައްކަތްތައް ކުރެވި ދެން ހުރި ސްޓޭޖްތަކަށް ދާނެ." އިމާރާތްކުރުމާބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިއީ ކައުންސިލްތަކުން ވަރަށް އިންތިޒާރުކުރަމުންދިޔަ މަޝްރޫޢެއްކަމަށާއި، މިއަދު މިކަން ހަޤީޤަތަކަށްވެގެންދާކަމީ މުޅި ލާމަރުކަޒީ ނިޒާމަށްވެސް ލިބިގެންދާ ކުރިއެރުމެއްކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ގިނަ ރަށްތަކެއްގެ ކައުންސިލްތައް މިއަދުހުރީ ވަރަށް ނިކަމެތި ޙާލަތެއްގައިކަން ފާހަގަކުރައްވާ، މިއީ ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ވަރަށް ގާތުން ކައުންސިލްތަކާއެކު މަސައްކަތްކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެ ރަށްރަށުގެ ޙާލަތު، ކައުންސިލްތަކުގެ ހުރި ނިކަމެތިކަން ރައީސަށް ވަރަށް ބޮޑަށް އިޙްސާސްކުރެވުނު. އަދި އޭގެ ނަތީޖާއެއްގެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅު އިސްނެންގެވުމަކަށް މި 50 ކައުންސިލް އެޅުމުގެ މަސައްކަތް އިޢުލާންކުރެއްވީ. އަދި އެ ހިސާބުން މިހިސާބަށް މިކަން ކުރިއަށްގެންދިއުމުގައިވެސް ރައީސް ޚާއްސަ ސަމާލުކަމެއްދެއްވާފައިވޭ." އިދާރީ ދާއިރާތައް ހިންގުމާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މީގެކުރިންވެސް ރާއްޖޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މި މަޝްރޫޢަކީ އެ ކާމިޔާބީއަށް އިތުރުކުރެވޭ ބޮޅެއްކަމަށާއި، މިއީ ޗައިނާ ސަރުކާރުން ވަރަށް ގާތުން ބަލާނެ މަޝްރޫޢެއްކަމަށް ސަފީރު ވިދާޅުވިއެވެ.
"މި މަޝްރޫޢު ކުރިއަށްގެންދެވޭނީ ޗައިނާއިން ގެންގުޅޭ ޓެކްނިކަލް ސްޓޭންޑެޑްތަކާ އެއްގޮތަށް. މި އެއްބަސްވުމާއެކު މި މަޝްރޫޢުގެ ފީޒިބިލިޓީ ސްޓަޑީތައް ހެދުމަށް ޗައިނާގެ ޚާއްސަ ޓީމެއް ވަރަށް އަވަޖަށް ރާއްޖެ އަންނާނެ. މިކަމުގައި ދިވެހި ސަރުކާރާއި ވަރަށް ގާތުން އަޅުގަނޑުމެން މަސައްކަތްކުރާނަން." ޗައިނާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވިއެވެ.
މި މަޝްރޫޢަށް ފަންޑްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ، ސިޑްކާގެ ފަރާތުންނެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އައު ކައުންސިލް އިދާރާތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތައް މިހާރު ވަނީ ކަނޑައަޅާފައެވެ.