ޚަބަރު

އަހަރުތަކަކަށްފަހު ޤައުމީ އެއަރލައިންގައި ދިވެހިން ޙައްޖަށް ފުރައިފި


  • ޤައުމީ އެއަރލައިންގައި މިއަދު ޙައްޖަށް ފުރީ މިއަހަރު ރާއްޖެއިން ހައްޖަށްދާ ދެވަނަ ގުރޫޕް

  • މި ފްލައިޓުން 255 މީހުން ދަތުރުކުރި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ސައުދީއަށް ފުރައިފިއެވެ.

ޙައްޖުވެރިންގެ ދެވަނަ ގުރޫޕް ފުރީ މިއަދު ހެނދުނު 8:00ގައެވެ. މި ފްލައިޓުން 255 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ޖިއްދާ ގަޑިން މިއަދު 11:00 އެހާއިރުއެވެ. ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައެވެ. މިއީ އަހަރުތަކަކަށްފަހު މޯލްޑިވިއަންގެ ބޯޓެއްގައި ޙައްޖުވެރިން ދާ ފުރަތަމަ ފަހަރެވެ. އެހެނިހެން އަހަރުތަކުގައި ޙައްޖުވެރިން ގޮސްފައިވަނީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބައެއް ބޭރުގެ އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރު ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. އަދި މާލޭގައި ހުންނަ ހުޅުލޭ ފެރީ ޓާމިނަލުންވެސް އެއަރޕޯޓަށް ދެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.

ސަރުކާރުން ވަނީ މާލެއިން 3 ރޫޓަކުން އަދި ހުޅުމާލެއިން 2 ރޫޓަކުން ބަސްދަތުރު ވަނީ ހަމަޖައްސާފައެވެ. ބަސް ދަތުރުތައް ފެށީ ރޭ ދަންވަރު 3:00 ޖެހިއިރުއެވެ. ބަހުން އެއަރޕޯޓަށްދާ ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުންޓުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.

ޙައްޖުވެރިންގެ ފުރިތަމަ ގުރޫޕު ފުރީ އިއްޔެއެވެ. އަދި މިއަދު ދެވަނަ ގުރޫޕު ފުރާފާވާއިރު، ފަހު ގުރޫޕު ފުރާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ދިވެހި ޙައްޖުވެރިން މިފަހަރު މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ. މި ޚިދުމަތް ދިވެހިންނަށް ފަހިވެފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުންނެވެ.